ޑޮކްޓަރީ ބޭސް އަގުބޮޑުކޮށް ވިއްކުން ނިމުމަކަށް

1 month ago

އަފްރާހް

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.


މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައިކަން ފާހަގަކުރައްވާފައި ވެއެވެ.


މިކަމަށް ފިޔަވަޅު އެޅުއްވުމުން ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށެވެ.


މީގެއިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.


ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާންކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު