އެސްޓަރ ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔަ މީހެއްގެ އާސަންދަ ކަނޑާލި ވާހަކައަކީ ދޮގެއް

1 month ago

އަފްރާހް

އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ އެއްކޮށް ކަނޑާލާ ޢާއިލާއެއް ޙާލުގައި ޖައްސައިފި ކަމަށް މީސްމީޑިއާގައި ދައުރުވަމުންދަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.


އެ ކުންފުނިން މީޑިއާ އަށް ހިއްސާކޮށްފައިވާ ޑޮކިއުމެންޓެއްގައި ވަނީ އުމުރުން 65 އަހަރުގެ އެމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ ޢަރަބިއާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފަންޑުގެ އެހީގައި ގެންގޮސްފައިވާ މީހެއް ކަމަށެވެ.


މިގޮތުން އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން އެހީގެ ގޮތުގައި ގާތްގަނޑަކަށް 1.5 މިލިއަނަށްވުރެ ގިނަރުފިޔާ އެފަރާތަށް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ ކުންފުނިން ހާމަކުރައްވައެވެ. އަދި އޭނާއަށް ފަރުވާދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީ ކަަމަށް ވެސް ހާމަކުރައްވައެވެ.


މީގެއިތުރުން އިންޓެންސިވް ރިހެބިލިޓޭޝަން (ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ސްވޮލޯވިންގ ތެރަޕީ އަދި ހައިޕަރބަރިކް އޮކްސިޖަން ތެރަޕީ) އަށް އެޑްމިޓް ކުރުމަށް އެސްޓަރ ސީ.އެމް.އައި އިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ މިއަހަރުގެ މާރޗު 14 ގައި ކަމަށް ވެސް އާސަންދައިން ވިދާޅުވެއެވެ.


އާސަންދައިން ވިދާޅުވީ ބަލިމީހާގެ ޙާލަތު ފުރިހަމައަށް އިވެލުއޭޓްކުރުމަށްފަހު، އޮގަސްޓު 18 އާއި ހަމައަށް ހޭދަވީ މުއްދަތުގައި ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން ވަނީ އެޕްރޫވަލް ދީފައި ކަމަށެވެ. އަދި ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، އިތުރު ސަޕޯޓިވް ކެއަރ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވެންޓިލޭޓަރ ސަޕޯޓާއެކު ބަލިމީހާ އަނބުރާ ގެނައުމަށް 14 އޮގަސްޓު ގައި ޢާއިލާއާއެކުވަނީ ވާހަކަދެކެވިފައި ކަމަށް ވެސް ވިދާޅުވެއެވެ.


ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް ކިޔައިދީ، ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ފަރުވާ ޕްލޭނަކާއެކު ތިން ދުވަހުގެ ތެރޭގައި ބަލިމީހާ އަނބުރާ ރާއްޖެއަށް ބަދަލުކުރުމާ ގުޅޭގޮތުންވެސްވަނީ ޢާއިލާއާ ވާހަކަދައްކާފައި ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.


އާސަންދައިން އިތުރަށް ވިދާޅުވީ 18 އޮގަސްޓުގެ ނިޔަލަށް ހޮސްޕިޓަލުގެ ފަރުވާއަށް ހިނގާފައިވާ ޚަރަދުތަކުގެ ފައިނަލް ބިލު ލިބިފައިވާއިރު، ބިލަށް ޖުމްލަ އަރާފައިވަނީ 89،339.91 އެމެރިކާ ޑޮލަރު ކަމަށެވެ. އަދި އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު އާސަންދައިން ވަނީ 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު