މަޖިލީހުގެ އަމީންއާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު

5 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކުރައްވައިފިއެވެ.


މަޖިލިސް އިދާރާ އިން ވިދާޅުވީ އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވަނީ މި ހިނގާ މޭ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.


މުހައްމަދު ރަޝީދަކީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅަކަށް ވާއިރު، މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މަގާމަށް ރަޝީދު އައްޔަނު ކުރުމުގެ ހަފްތާއެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވަނީ ބަދަލުކޮށްފައެވެ.


އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދު ބަދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމްގެ އެދިވަޑައިގަތުމަށް ކަމަށް މަޖިލީހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.


މަޖިލީހުގެ ގަވާއިދުގެ 21 ވަނަ މާއްދާއަށް ގެނައި އިސްލާހުގައިވާ ބުނެފައިވަނީ ހިންގުމުގެ ދާއިރާއިންނާއި ގާނޫނީ ދާއިރާއިން މަޖިލީހުގެ އަމީން އާންމަށް އެހީތެރިވެދިނުމަށް އަމީން އާންމުގެ ނައިބުންގެ ގޮތުގައި ދެ މަގާމު އުފެއްދިދާނެ ކަމަށެވެ. އަދި އަމީން އާންމުގެ ނައިބުގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ބަދަލުކޮށްފައެވެ.


އެގޮތުން އެއް ބޭފުޅަކު މަޖިލީހުގެ އާންމު ހިންގުމާއި މާލީ ޒިންމާއާއިގުޅޭ ގޮތުން ކަންކަން ކުރުމުގައި އެހީތެރިވާއިރު، އަނެއް ބޭފުޅާގެ ޒިންމާތަކުގެ ތެރޭގައި ޖަލްސާތަކާއި ކޮމިޓީތަކުގެ މަސައްކަތްތަކުގައި އަމީން އާންމަށް އެހީތެރިވެދިނުން ވަނީ ހިމަނާފައެވެ.


އަމީން އާންމުގެ ނައިބުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން މުހައްމަދު ރަޝީދު ހުންނެވީ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. 


ކިޔުންތެރިންގެ ހިޔާލު