މިއަހަރުގެ އޮގަސްޓް މަހު މީރާ އަށް 1.98 ބިލިއަން ރުފިޔާ

1 month ago

އަފްރާހް

މިއަހަރުގެ އޮގަސްޓު މަހު މީރާއަށް 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާ އިން މައުލޫމާތު ދެއްވައިފިއެވެ.


މިއީ ފައިބެއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ24 އިންސައްތަ މަތީ އަދަދެއް ކަމަށާއި މިއަހަރުގެ އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 34.5 އިންސައްތަ އިތުރު އަދަދެއް ކަަމަށް ވެސް މީރާ އިން ވިދާޅުވެއެވެ.


މީގެއިތުރުން އޮގަސްޓު 2023 އާއި އަޅައިބަލާއިރު، މިއަހަރުގެ އޮގަސްޓް މަހުގެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައިވުން ކަމަށް މައުލޫމާތު ދެއްވައެވެ.


ހަމަމިއާއެކު މިއަހަރުގެ އޮގަސްޓު މަހު ލިބިފައިވާ ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހާއި، ސުންގަޑީގެ ފަހުން ބަލައިގަނެފައިވާ ވިޔަފާރިތަކާއި ފަރުދުން-ނޫން ފަރާތްތަކުން ލިބޭ އާމްދަނީން ނަގާ ޓެކުހުގެ އަދަދު އިތުރުވުމުގެ ސަބަބުން މީރާއަށް ބަލައިގަނެފައިވާ ޖުމުލަ އަމްދަނީ އިތުރުވެފައިވާކަމަށް ވެސް މައުލޫމާތު ދެއްވައެވެ. އަދި، މިދިޔަ އަހަރާއި އަޅައިބަލާއިރު ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރުގެ އޮގަސްޓު ގައި ލިބިފައިވާ ޓެކުހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ، އޮގަސްޓު 2023 އާއި އަޅައިބަލާއިރު އޮގަސްޓް 2024 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 15 ޕަސެންޓަށް އިތުރުވެފައިވުންކަމަށް މީރާއިން މައުލޫމާތުދެއްވައެވެ.


މީގެއިތުރުން އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކުހުގެ ފައިސާ މީރާއިން ބަލައިގަނެފައިވުމާއި، ކުންފުނިތަކާއި ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ފާއިތުވެފައިވާ ސުންގަޑިތަކަށް ފައިސާ ބަލައިގަނެފައިވުން ހިމެނެއެވެ. އަދި ޖުލައި 2024 ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.3 އިންސައްތަ އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއްވައެވެ.


އޮގަސްޓު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 1.06 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 472.66 މިލިއަން ރުފިޔާއެވެ.


މީގެއިތުރުން އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 90.85 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 89.13 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 87.11 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 183.29 މިލިއަން ރުފިޔާ ލިބިފައިވެއެވެ.


މިއަހަރުގެ އޮގަސްޓް މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62.82 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު