ބޭރު ފައިސާ އިން އާމްދަނީ ލިބޭ މީހުންގެ އިންކަމް ޓެކްސް ޑޮލަރުން ދެއްކޭނެ

1 month ago

އަފްރާހް

ބޭރު ފައިސާ އިން އާމްދަނީ ލިބޭ މީހުންގެ އިންކަމް ޓެކްސް ޑޮލަރުން ދެއްކޭނެ އިންތިޒާމު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.


މީރާ އިން ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ގާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާންތައް އެމެރިކާ ޑޮލަރުން ތައްޔާރުކުރުމަށާއި އެފަދަ ފަރާތްތަކުން އެ ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސްތައް އެމެރިކާ ޑޮލަރުން ދެއްކުމަށް ލާޒިމުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު 12 ސެޕްޓެންބަރު 2024 ގައި އިސްލާހުކޮށްފައިވާ ކަމަށެވެ.


މި އިސްލާހުގައިވާ ގޮތުން، އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ އެ ފަރާތެއްގެ އިންކަމް ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާންތައް ތައްޔާރުކުރަންވާނީ އެމެރިކާ ޑޮލަރުންނެވެ. އަދި އެ ފަދަ ފަރާތްތަކުން އިންޓެރިމް ޕޭމަންޓާއި އިންކަމް ޓެކްސް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.


މީގެއިތުރުން އެ ފަރާތެއްގެ ފަންކްޝަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ގެ ބަޔާންތައް ތައްޔާރުކޮށް އެ ޓެކްސްތައް ދައްކަންވާނީ ވެސް އެމެރިކާ ޑޮލަރުންކަމުގައި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.


ހަމަމިއާއެކު މި ވިތުހޯލްޑިންގ ޓެކްސްތަކާ ގުޅިގެން މި ގޮތަށް ޢަމަލުކުރަން ލާޒިމުވާނީ 31 އޮކްޓޫބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ނިމޭ މުއްދަތުތަކަށް ޓެކްސް ބަޔާން ތައްޔާރުކުރުމަށާއި ޓެކްސް ދެއްކުމަށްކަމުގައި މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.  


ކިޔުންތެރިންގެ ހިޔާލު