ކެޔޮޅު އެޕްލިކޭޝަންގެ މައުލޫމާތު ދިނުމަށް މިނިސްޓްރީގެ ޓީމުތައް އަތޮޅުތަކަށް

1 month ago

އަފްރާހް

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަސްވެރިން ދަފުތަރު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ވުޒާރާގެ ޓީމުތައް އަތޮޅުތަކަށް ފޮނުވަން ފަށައިފިއެވެ.


މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.


މި ހަފުތާގައި ވުޒާރާގެ ޓީމުތައް ޅ. ދ. ލ. ގއ. ގދ. އަދި ސ. އަތޮޅުގައި ހަރަކާތްތެރިވާނެއެވެ. ޚާއްޞަކޮށް މަސްކިރާ ސަރަހައްދުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވުޒާރާގެ ޓީމުތައް މަސައްކަތް ކުރަމުންދާނެއެވެ. އޭގެ ބޭނުމަކީ ވީހާވެސް ގިނަ މަސްވެރިންނާއި ބައްދަލުކޮށް ކެޔޮޅު އެޕްލިކޭޝަނާއި ދަފުތަރާއި ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުމެވެ.


މަސްވެރިން ދަފުތަރު ކުރަނީ އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރެވޭ 'ކެޔޮޅު' އެޕްލިކޭޝަނުންނެވެ.


މަސްވެރިން ދަފުތަރު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މަސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.


ދަފުތަރު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ވުޒާރާގެ ޓީމުތައް މަސައްކަތް ކުރަމުންދެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވުޒާރާގެ ޓީމުތައް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.


ދަފުތަރުގެ މަސައްކަތްތަކަށް ބަލާއިރު ށ. ރ. ގއ. ގދ. އަދި ޏ. އަތޮޅުގައި މަސްވެރިކަން ކުރާ 50 އިންސައްތަ އަށްވުރެ ގިނަ މަސްދޯނި، މަސްވެރިންގެ ދަފުތަރުގައި ވަނީ ރަޖިސްޓަރީ ކުރެވިފައެވެ. ވުޒާރާގެ އަމާޒަކީ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުމެވެ.


ދަފުތަރު ކުރެވިފައިވާ މަސްދޯނިތަކާއި ފަޅުވެރިންގެ އަދަދު ފަހުން ހާމަކުރާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު