ބަންކަރިންގެ ހިދުމަތަށް ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

1 month ago

އަފްރާހް

ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން ގެނައި "މެރިން ބެއްލާ" ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފިއެވެ.


މިއީ މި ހިދުމަތަށް ގެނައި ދެވަނަ ބޯޓެވެ.


ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި އެސްޓީއޯ އިން ވަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެބޯޓު ގެނެސްފައެވެ. މީގެތެރެއިން ފުރަތަމަ ބޯޓު "މެރިން އެންޖެލް" މި މަހުގެ 9 ވަނަ ދުވަހު ވަނީ އެ ސިޓީގައި ބަނދަރުކޮށްފައެވެ.


އެސްޓީއޯ އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ވަނަ ދުވަހު ފުރަތަމަ ބޯޓަށް ތެޔޮ ވިއްކަން ވަނީ ހަމަޖެހިފައެވެ. މި ހިދުމަތް އެންމެ ފުރަތަމަ ފަށާނީ އިހަވަންދިއްޕޮޅުގައެވެ.


ރާއްޖޭގެ އެންމެ އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގެ ހިދުމަތާ އެކު، މެރިޓައިމްގެ އިތުރު ހިދުމަތްތައް ވެސް ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން އެސްޓީއޯ އިން އޮފްޝޯ ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭއިރު، އެމްޕީއެލް އިން ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތައް ދިނުމަށްވަނީ ތައްޔާރުވެފައެވެ.


މި މަހު ފުރަތަމަ ފަށާނީ ފްލޯޓިންގ ބަންކަރިންގެ ހިދުމަތެވެ. އަދި މުސްތަގުބަލުގައި އެ ސަރަހައްދުގައި ސްޓޯރޭޖު ވެސް ގާއިމްކުރާނެ ކަމަށް އެސްޓީއޯ އިން ވަނީ ވިދާޅުވެފައެވެ.


އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގުމަށް އެސްޓީއޯ އިން ވަނީ ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެއީ 13 މާރިޗު 2024 ގައެވެ.


މި ހިދުމަތް ތައާރަފުކުރުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެވެ. ހާއްސަކޮށް ރާއްޖެއަށް ޒިޔާރަތްކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، ގައުމުގެ ބަނދަރުތަކުގެ ބޭނުންތެރިކަން އިތުރުވެގެންދާނެއެވެ.


މީގެ ސަބަބުން ރަށްރަށުގެ އިގްތިސާދީ ހަރަކާތްތައް ފުޅާވެ، އާމްދަނީ އިތުރުވުމަށް ވެސް މަގުފަހިވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު