އުސޫލާއި ހިލާފަށް ބިލު ހަދައި، ފޮނުވާތޯ ބެލުމަށް ސްޓެލްކޯ އިން ދައުވަތު ދީފި

1 month ago

އަފްރާހް

ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމުގެ ޔަގީންކަން ސްޓެލްކޯ އިން އަނެއްކާ ވެސް ދީފިއެވެ.


އެ ކުންފުނިން މި ޔަގީންކަން ދީފައިމިވަނީ އެ އުސޫލުތަކާއި ޚިލާފަށް ޢަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާތީއެވެ.


ސްޓެލްކޯ އިން ވިދާޅުވީ އެކުންފުންޏަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއް ކަމަށާއި އެކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެ ވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް ކަމަށެވެ.


"އެ މަސައްކަތުގައި ގެންގުޅޭ އަޚްލާޤާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ އަޅުގަނޑުމެން ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެއް." ސްޓެލްކޯ އިން ބުނެފައި ވެއެވެ.


މީގެއިތުރުން ކަރަންޓު އުފެއްދުމަށާއި ކަރަންޓު ފޯރުވައިދިނުމަށް 24 ގަޑިއިރު މެދު ނުކެނޑި އެ މުވައްޒަފުން ކުރަމުންދާ މަސައްކަތާއި ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވަނީ ހެދިފައިވާ ހަރުދަނާ ގަވާއިދުގެ ދަށުން ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ ވެސް ހެދިފައިވާ ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.


ސްޓެލްކޯ އިން ވަނީ އެ އުސޫލުތަކާއި ޚިލާފަށް ޚިލާފަށް ޢަމަލު ކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެއް ކަމުގައެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަސައްވުރު ނައްސި ވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.


ސްޓެލްކޯ އިން ވަނީ ރައްޔިތުން އެ ކުންފުންޏަށް ކުރަމުންދާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަޤީންކަން ވެސް އަރުވާފައެވެ. އަދި އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަން ވަނީ ފާހަގަކޮށްފައެވެ.


މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއިގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ސްޓެލްކޯ އިން ވަނީ ދައުވަތު އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު