ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސަށް ރައީސް ޑރ. މުއިއްޒު ފުރާވަޑައިގަންނަވަނީ

5 months ago

އަފްރާހް

ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.


ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މޭ 24 ވަނަ ދުވަހުއެވެ. އެންޓިގުއާ އެންޑް ބާބިއުޑާގައި މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 އިން 30 އަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.


މި ކޮންފަރެންސްގެ ދައުވަތު ރައީސް އަށް އެރުވީ ކޮޕް 28 ސަމިޓްގައި ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


މި ދަތުރުފުޅާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާރސަން ހީނާ ވަލީދު ވިދާޅުވީ ސިޑްސްގެ މި ކޮންފަރެންސްގައި ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށެވެ.


މީގެއިތުރުން ރައީސް ޑރ. މުއިއްޒު 7 ސްޓޭޓްމެންޓެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމެވެ.


މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި، އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދާއި އެމްބެސެޑަރ އެޓް ލާޖު ޑރ. ޢަލީ ނަޞީރު މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.


ސިޑްސް ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. 


ކިޔުންތެރިންގެ ހިޔާލު