އދ ހިނގަމުން އަންނަ ގޮތް ބަދަލުކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތްކުރަންޖެހޭ: ރައީސް

1 month ago

އަފްރާހް

އދ ހިނގަމުން އަންނަ ގޮތް ބަދަލުކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ތަނަކަށް އދ ވާންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ "ސަމިޓް އޮފް ދަ ފިއުޗަރ" ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.


ރައީސް ވިދާޅުވީ އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް ޢަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއް ކަމަށެވެ.


މީގެއިތުރުން މިއީ މަލްޓިލެޓަރަލް ސިސްޓަމްތައް މެދުވެރިކޮށް ކަންކަން ހަގީގަތަކަށް ހަދަންވީ ވަގުތު ކަމަށާއި އެކަން ހާސިލުކުރެވޭނީ ތިން ކަމަކަށް ބާރު އަޅައިގެންކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޒުވާނުން ބާރުވެރިކުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމާއި މާލީގޮތުން ގައުމުތައް ބާރުވެރިކޮށްގެންކަން ފާހަގަކުރެއްވިއެވެ.


ޒުވާނުން ބާރުވެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިދާޅުވީ ދިވެހި ޒުވާނުން ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް ސަރުކާރުން އިންވެސްޓްކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ ތަސައްވުރަކީ އިގްތިސާދީ ކުރިއެރުމާއި އިޖްތިމާއީ ހަމަހަމަކަމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތަކުގެ ދައުރު ބޮޑުކުރުންކަމަށެވެ.


އެމަނިކުފާނު އިތުރަށް ވިދާޅުވީ މިކަންކަމާއެކު ޒުވާނުން ބޭނުންވާ ގޮތަށް އެ މީހުންގެ މުސްތަގްބަލުބައްޓަންކުރުމުގެ ބާރު ލިބިގެންދާނެކަމަށެވެ.


މީގެއިތުރުން މޫސުމީ މައްސަލަތަކާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަކީ ހިޔާލީ ކަމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ 62 އިންސައްތަ ޒުވާނުންނަށް އެކަމުގެ އަސަރު ކުރަމުންދާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް ޖީލުތަކުން ބަލާނީ ކޮށްދޭން ވައުދުވި ކަންކަމަށް ނޫންކަން ފާހަގަކުރައްވައި ވިދާޅުވީ ވައުދުތައް ފުއްދިފައިހުރި މިންވަރުގެ މައްޗަށްކަން ވެސް ރައީސް ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު