ސައުދީ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވަނީ ރައީސް ޑރ. މުއިއްޒުގެ ސަބަބުން: ނައިބު ރައީސް

1 month ago

އަފްރާހް

ނިމިދިޔަ ޙައްޖު މޫސުމުގައި ދިވެހި ޙައްޖާޖީންނަށް ސައުދީން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވައި، ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝުލލުރު އަދާކުރައްވައިފިއެވެ.


އެމަނިކުފާނު ޝުކުރުއަދާކުރެއްވީ ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.


އާދީއްތަ ދުވަހު ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ވަނީ ސައުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.


މީގެއިތުރުން އެމަނިކުފާނު ވަނީ ސައުދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައެވެ.


މި ރަސްމިއްޔާތުގައި ނައިބު ވަނީ އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެފައިވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހިކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިންކަން، ވަނީ ފާހަގަ ކުރައްވާފައެވެ.


އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަފީރު މަޠްރިކް ޢަބްދު އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.


ސައުދީ އަރަބިއްޔާގެ މުއްސަނދި ތާރީޚާއި ތަރިކަ، އަދި އެ ގައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމަންޓްރީއެއް ބައްލަވާލެއްވުމުގެ ފުރުސަތު ވެސް ރަސްމިއްޔާތުގެ ބައިވެރިންނަށް ލިބިވަޑައިގެންފައިވެއެވެ.


މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަނބިކަނބަލުން، ޢާއިޝަތު އަފްރީން މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު