އދ. ގައި ރާއްޖެއިން އިތުރަަށް ހަރަކާތްތެރިވާން ބޭނުން: ރައީސް

1 month ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް، ހާއްސަގޮތެއްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ދަރަނި ކުޑަކުރުމާއި މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ގައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އަދި މިކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބުން މުހިންމުކަމުގައި ވެސް ފާހަގަކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަގްވާމީ މައްސަލަތަކުގައި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ. މިކަންތައްތަކުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ އެހެން މުހިންމު ކަންކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން، ދުނިޔޭގެ މަސްރަހުގައި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމުގައި އެންމެހާ މެންބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.


މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ނިއުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ.


ކިޔުންތެރިންގެ ހިޔާލު