މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ގާލާ ނައިޓް ބާއްވައިފި

1 month ago

އަފްރާހް

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ ގާލާ ނައިޓް ބާއްވައިފިއެވެ.


ސެޕްޓެންބަރު 22 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ބިލްޑިންގ މަލްޓިޕަރޕަސް ހޯލުގައި ބޭއްވި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮމިޝަނަރގެ އަނބިކަނބަލުންނެވެ. 


މި ހަފުލާގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އެކި ރޭންކުތަކުގެ އަންހެން ފުލުހުން އަދި ހަފުލާގެ ސްޕޮންސަރ އައިލެންޑް ޕާފިއުމްބަރ، ޝިޔާމް ވޯލްޑް، ޖުމައިރާ މޯލްޑިްވްސް، ރަޔާ ބައި އެޓްމޮސްފިއަރގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.


ދިވެހި ސަގާފީ ހެދުންތައް ފެނިގެންދިޔަ މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، މި ޚިދުމަތުގައި ހުރިހާ ދާއިރާއެއްގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަމުންދާކަމީ ފަހުރުވެރިވާންޖެހޭ ކަމެއްކަމަށާއި މީގެ ކުރިން އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރަމުން އައި އަންހެން މުވައްޒަފުން މިއަދު މި ޚިދުމަތުގެ އެކި ބަހާތަކުގައި މަސައްކަތްކުރާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވިއެވެ. އޭގެ އިތުރުން، ކޮމިޝަނަރ ވިދާޅުވީ ގާތްގަޑަކަށް މުއައްސަސާގެ 15 އިންސައްތަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުންކަމަށާއި އަންހެނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ މުއައްސަސާގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ. 


ވިމެން އިން ޕޮލިސިންގ ކޮމިޓީން އިސްނަގައިގެން މިފަދަ ހަރަކާތްތައް ރޭވުމަކީ އަންހެން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ފަހިވެގެންދާ ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި އަންހެން މުވައްޒަފުންނަށް ހާއްސަކޮށް މިފަދަ ގިނަ ހަރަކާތްތަކެއް ރޭވުމަށް ބާރުއަޅުއްވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.


މި ހަފުލާގައި، މޯލްޑިވްސް ވިމެން އިން ޕޮލިސިންގގެ އެކި ހަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. އެގޮތުން، އައިލެންޑް ޕާފިއުމްބަރ، ޝިޔާމް ވޯލްޑް، ޖުމައިރާ މޯލްޑިްވްސް، ރަޔާ ބައި އެޓްމޮސްފިއަރގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ހަނދާނީ ފިލާ ދީފައިވެއެވެ. 


މީގެއިތުރުން މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޑިޕާޓްމަންޓުތަކާއި އެހެނިހެން މުވައްޒަފުންނަށް ވެސް ހަނދާނީ ލިޔުން ދީފައިވެއެވެ.


މި ހަފުލާގައި ބައިވެރިވި އަންހެން މުވައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް އައިލެންޑް ޕާފިއުމްބަރގެ 750 ރުފިޔާގެ ގިފްޓް ވައުޗަރ އަދި ގުރުއަތުން ހޮވުނު އިތުރު ހަތް ފަރާތަކަށް އައިލެންޑް ޕާފިއުމްބަރގެ ފަރާތުން ސެންޓު ހަދިޔާކޮށްފައިވެއެވެ. ލައިވް މިއުޒިކާއެކު ކުރިއަށް ގެންދިޔަ މި ހަފުލާގައި ކޭކު ފެޅުމާއެކު ޑިނަރއެއް ކުރިއަށް ގެންގޮސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު