ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ އިހްތިރާމާއި އިތުބާރުގެ މައްޗަށް: ރައީސް

1 month ago

އަފްރާހް

ސައުދީ އަރަބިއްޔާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި އިތުބާރުގެ މައްޗަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެގައުމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.


މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ވަނީ ދެގައުމުން ވެސް ހިއްސާކުރާ ތާރީޚާއި އިސްކަންދޭ ހަމަތަކަށްކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ދެގައުމުގެ ދެމެދުގައި އޮތް އަޚްވަންތަކަމުގެ ގާތްގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެ، ކުރިއަރައިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.


އެމަނިކުފާނުގެ މެސެޖުގައި ސައުދީ ރަސްގެފާނަށާއި ވަލީޢަހްދަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. އަދި އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވެސް އެދިވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު