އޭސީސީގެ ރައީސް ޕީޖީ އާ ބައްދަލުކުރައްވައި، މަރްހަބާ ދަންނަވައިފި

1 month ago

އަފްރާހް

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް އާ ބައްދަލުކުރައްވައިފިއެވެ.


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އޭސީސީގެ ރައީސް ވަނީ ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ޕީޖީ ވަނީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ޕީޖީ ފާހަގަކުރެއްވިއެވެ.


އެގޮތުން ކޮރަޕްޝަން މައްސަލަތަކުގެ ތަހްގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.


މި ބައްދަލުކުރެއްވުމުގައި ކޮރަޕްޝަން މައްސަލަތަކުގެ ތަހްގީގުތައް މިހާރަށްވުރެ އަވަސްކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ބާރުއެޅުއްވިއެވެ.


ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހްގީގުކޮށް ހުށަހެޅި 5 މައްސަލައެއްގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވާނެއެވެ. އަދި މިއަހަރުގެ މިހާތަނަށް 11 މައްސަލައެއް އޭސީސީން މި އޮފީހުގެ މަޝްވަރާއަށް (ޑިއުޓީ ޕްރޮސިކިއުޝަނަށް) ހުށަހަޅާފައިވެއެވެ.


ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ ވެރިންނާ ގެންދަވަނީ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ.


އެގޮތުން އާދީއްތަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާ ބައްދަލުކުރައްވާފައިވެއެވެ. އަދި ބުރާސްފަތި ދުވަހު ދައުލަތުގެ ބަންޑާރަ ނާއިބާ ބައްދަލުކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު