ދެގައުމުގެ ގުޅިގެން ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރާނަން: ލަންކާ ރައީސް

1 month ago

އަފްރާހް

ސްރީލަންކާ އާއި ރާއްޖެއާ ދެގައުމުގެ ގުޅިގެން ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރައްވާނެ ކަމަށް ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެގައުމުގެ ރައީސްކަމުގެ މަގާމާއި އެމަނިކުފާނު ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރާއްޖޭގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ، ފޮނުއްވި ތަހުނިޔާގެ މެސެޖާއި ގުޅިގެންނެވެ.


ލަންކާގެ ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ޑރ. މުޢިއްޒާއެކު މަސައްކަތް ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ދެގައުމުގެ ގުޅިގެން ސަރަހައްދީ ހަމަޖެހުމާއި، ކުރިއެރުމަށް ވެސް މަސައްކަތްކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އަނުރަ ކުމާރަ ދިސާނަޔަކައަކީ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާއެވެ. އެމަނިކުފާނު ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.


އުމުރުން 55 އަހަރުގެ ދިސާނަޔަކަ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިހާދުގެ ކެނޑިޑޭޓުގެ ގޮތުގައި ވާދަކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވައި، ކުރި ހޯއްދަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު