ދެގައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއަކުން ތާއީދު ލިބޭނެ: ޗައިނާ

1 month ago

އަފްރާހް

ދެ ގައުމުގެ ޝާމިލުވުން އޮންނަ ހުރިހާ ދާއިރާއެއްގައި ވެސް ރާއްޖެއަށް ޗައިނާގެ ތާއީދު ލިބެމުންދާނޭކަމުގެ ޔަގީންކަން އެގައުމުން ދީފިއެވެ.


މި ޔަގީންކަން އެގައުމުން ދިނީ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގ ޔީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


މިއީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.


ސެޕްޓެމްބަރ 23 ވީ ހޯމަ ދުވަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަންގ ޔީ ވަނީ ހާއްސަކޮށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގައި ދެމިތިބުވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.


މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޗައިނާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާއި، ދެ ގައުމުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.


މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ޗައިނާ އިން ދެމުންދާ އެއްބާރުލުމަށް ވެސް ރައީސް ޝުކުރުއަދާކުރައްވާފައިވެއެވެ.


އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުޢިއްޒު މިވަގުތު ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.


ކިޔުންތެރިންގެ ހިޔާލު