މީޑިއާ ވިލެޖު ނިމޭއިރު، ތިން ސައިޒެއްގެ ސްޓޫޑިއޯ ހެދޭނެ: މިނިސްޓަރ

4 months ago

އަފްރާހް

މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިމަސައްކަތް ނިމޭއިރު ނޫސްވެރިކަމުގެ މުޅިން އާ މިސްރާބަކަށް ދެވޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މީޑިއާ ވިލެޖް އެއްކޮށް ނިމިގެން އަންނައިރު ޓީވީ ސްޓޭޝަންތަކަށް ޖާގަ ތަނަވަސް އޮފީހެއް ހަމަޖެހިގެންދާނެ ކަމަށާއި ރަނގަޅު ފެންވަރުގެ ސްޓޫޑިއޯތައް ގާއިމުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.


"ދެ ސައިޒެއްގެ ނުވަތަ ތިން ސައިޒެއްގެ ސްޓޫޑިއޯތައް ހެދޭނެ ވަރަށް އަޅުގަނޑުމެން މިހާރު ކުރެހުންތައް ތައްޔާރު ކުރަމުން މިދަނީ، ކުދި ސައިޒޭ މި ދަންނަވާ ސައިޒަކީ ވެސް އަމިއްލަ ޕްރައިވެޓް ޓީވީ ސްޓޭޝަންތަކަށްވުރެން ޖާގަ ބޮޑުވާނެ" މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ، މިމަސައްކަތް ނިންމާލެވޭއިރު ރާއްޖޭގެ ނޫސްވެރިކަން މުޅިން އާ މިސްރާބަކަށް ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.


މީޑިއާ ވިލެޖް ތަރައްގީކުރަނީ އެތަނުގައި މީޓިންތަކާއި ނޫސްވެރިންގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މީޑިއާ ވިލެޖު އެޅުމަށް ނިންމެވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލު ވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސް ޑރ. މުއިއްޒުއަށް އެރުވި މަޝްވަރާއާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު