އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގަންނަވައިފި

4 weeks ago

އަފްރާހް

އެމެރިކާގެ ހަވާއީގައި ބޭއްވި 26 ވަނަ "އިންޑޯ ޕެސިފިކް ޗީފްސް އޮފް ޑިފެންސް ކޮންފަރެންސް"ގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.


ސެޕްޓެންބަރު 20 ވަނަ ދުވަހު ފެށި މި ކޮންފަރެންސް ހޯސްޓްކޮށްދެއްވީ، ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، އެޑްމިރަލް ސެމިއުލް ޖޭ ޕަޕަރޯއެވެ. މި ކޮންފަރެންސްގައި އޭޝިއާ، ޕެސިފިކް އައިލެންޑްސް، ޔޫރަޕް، އުތުރު އެމެރިކާ އަދި ދެކުނު އެމެރިކާގެ ޤައުމުތަކުގެ އެންމެ އިސް އަސްކަރީ ލީޑަރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. 


އެގޮތުން ސަރަޙައްދީ ސަލާމަތީ ކަންކަމާ ބެހޭގޮތުން މި ކޮންފަރެންސްގައި މަޝްވަރާކުރައްވާފައިވާއިރު، ކުރިއަށްއޮތްތަނުގައި ޤައުމުތަކުން ގުޅިގެން އެއްބާރުލުން ދެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ. "ދަ ފިއުޗާ އިންޑޯ-ޕެސިފިކް: ބިލްޑިންގ އަ ރެސިލިއަންޓް އެންޑް އިންޓަކަނެކްޓެޑް ރީޖަން" ގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޮންފަރެންސްގައި 28 ޤައުމަކާއި، މަލްޓިނޭޝަނަލް އޯގަނައިޒޭޝަންތަކުން ތަމްސީލުކޮށްފައިވެއެވެ.


މި ކޮންފަރެންސްގެ ހަވާސާގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ، އެޑްމިރަލް ސެމިއުލް ޖޭ ޕަޕަރޯ ބައްދަލުކުރައްވައި، އިންޑޯ ޕެސިފިކް ކޮމާންޑްގެ ތެރެއިން ދިވެހި އަސްކަރިއްޔާގެ ކެޕޭސިޓީ ވަރުގަދަކުރުމަށާއި ތަރައްޤީކުރުމުގެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.


މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ރާއްޖެ ވަޑައިގެންފައިވަނީ ސެޕްޓެންބަރު 23 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު