ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް ކުވެއިތުގެ އިންވެސްޓަރުންނަށް ރައީސް ދައުވަތު ދެއްވައިފި

4 weeks ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުވޭތުގެ ވަލީޢަހްދު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ކުވޭތުގެ ވަފުދުގެ އިސްވެރިޔާ، ހިޒް ހައިނަސް ޝައިޚް ޞަބާޙް އަލް ޚާލިދު އަލް ޙަމަދު އަލް މުބާރަކް އަލް ސަބާޙްއާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.


‎މި ބައްދަލުކުރެއްވުމުގައި ރައިސް ވަނީ ކުވޭތު ސަރުކާރުން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި، އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.


މީގެއިތުރުން ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުން ހިމެނޭހެން ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ހާސިލުކުރުމަށް ދެއްވާ އަހައްމިއްޔަތު، ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިންވެސްޓްކޮށް، ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް، އެމަނިކުފާނު ކުވޭތުގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވިއެވެ.


‎މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ އަދި ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރައްވާނެ ކަމަށާއި ކުރިމަގުގައި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު