އީޔޫގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބޭނެ

4 weeks ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ހަރ އެކްސެލަންސީ އުރުސުލާ ވޮން ޑަ ލަޔަންއާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.


މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވެސް ވަނީ ޔޫރަޕިއަން ޔޫނިއަންއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ހަރުދަނާ ގުޅުމަށް ތައުރީފުކުރައްވައި، ދެފަރާތުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ހުށަހަޅުއްވާ، ރާއްޖޭގެ ތަރައްގީއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ.


އެގޮތުން ރާއްޖެއިން ވިލާތުގެ އިއްތިހާދަށް ބޭރުކުރާ ކަނޑުމަހަށް ކަނޑައަޅާފައިވާ 24 އިންސައްތައިގެ ޓެރިފްގެ ސަބަބުން ރާއްޖެއިން އީޔޫ މާކެޓަށް ވާދަވެރިކަމާއެކު މަހުގެ އުފެއްދުންތައް ނެރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވިއެވެ.


މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


ޔޫރަޕިއަން ކޮމިޝަންގެ ރައީސާ ދެއްކެވި ވާހަކަފުޅުގައި، އެ ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބިގެންދާނެކަމުގެ ޔަގީންކަންދެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި، ސިޔާސަތުތަކަށް ތައުރީފުކުރައްވައި، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަން ފާހަގަކުރެއްވިއެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެފަރާތުގެ މެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކޮށް، ގުޅިގެން ކުރިޔަށްއޮތްތަނުގައި ވެސް އެކުގައި އިތުރު މަސައްކަތްތައް ކުރުމުގެ އުންމީދު އައުކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު