ރާއްޖެއަށް ވަމުންދާ އެހީތެރިކަން އެގޮތުގައި ކުރިއަށްދާނެ: ސައުދީ

4 weeks ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދުގެ އިސްވެރިޔާ، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސަޢޫދްއާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް ސަޢޫދީ ޢަރަބިއްޔާއިން މެދުކެނޑުމެއްނެތި ވެދެއްވަމުންގެންދަވާ އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.


މީގެއިތުރުން އެމަނިކުފާނު ވަނީ ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގްތިސާދީ ތަރައްގީއާ އަދި ހައްޖުގެ އަޅުކަމާގުޅޭ ކަންކަން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި އެގައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ.


އެ ދެ ބޭފުޅުންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުން ވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު