ރައީސް، އޮމާންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

4 weeks ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އޮމާންގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ އޮމާންގެ ވަފުދުގެ އިސްވެރިޔާ ސައްޔިދު ބިން ޙަމަދް ބިން ޙަމޫދް އަލްބުސައިދީއާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އޮމާންގެ ޚާރިޖީ ވަޒީރާ ޙިއްސާކުރައްވާފައެވެ. އަދި އޮމާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.


މީގެއިތުރުން އެމަނިކުފާނު ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެ ޤައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު