ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑި މި މަހު 26 އަށް ހަމަވާނެ

4 weeks ago

އަފްރާހް

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހު 26 ގެ ނިޔަލަށް ހަމަވާނެކަން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން ހަނދާންކޮށްދެއްވައިފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2 ޖަހަންދެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއ ކަމަށެވެ. އަދި ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވެއެވެ.


އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލްސެންޓާ) އިންނެވެ. އަދި އީމެއިލްގެ (info@youth.gov.mv) ޒަރިއްޔާއިން ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.


އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ވިޔަފާރި އާއި އިގްތިސާދު، އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން، ދަރުމަވެރިކަން ހިމެނެއެވެ. އަދި ވޮކޭޝަނަލް ޓްރެއިނިން – ދަސްކޮށްދިނުން، ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން ވެސް ހިމެނެއެވެ.


މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާއާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން ވެސް ހިމެނެއެވެ.


އިތުރު ދާއިރާތަކުގެ ތެރޭގައި ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުމާއި ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުމާއި ކުޅިވަރުގެ ދާއިރާއިން - ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.


މިނިސްޓްރީން ވިދާޅުވީ ފަންނިއްޔާތުގެ ދާއިރާ އާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ ވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ.


ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.


ޔޫތް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑަށް ނަން ހުށަހެޅުމަށް ފުރަތަމަ ހުޅުވައިލީ މިދިޔަ ޖޫން މަހުއެވެ. އަދި ޖުލައި މަހުގެ 12 ވަނަ ދުވަހު އެވޯޑް ހަފްލާ ބޭއްވުމަށް ވެސް ނިންމިއެވެ. އެހެންނަމަވެސް އެ ތާރީހު ވަނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަށް ފަސްކޮށްފައެވެ.


އެއާއެކު އަލުން އެ އެވޯޑަށް ކުރިމަތިލާން ހުޅުވައިލީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. 


ކިޔުންތެރިންގެ ހިޔާލު