އުއްމީދަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ކަށަވަރުވުން: ރައީސް

4 weeks ago

އަފްރާހް

ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ކަށަވަރު ވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކިފާނު މިފަދައިން ވިދާޅުވީ ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.


އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ވެސް ދެއްވާފައެވެ.


މީގެއިތުރުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ، ބައިނަލްއަގްވާމީ މުޖުތަމައަށް ވަރުގަދަ މެސެޖެއް ވަނީ ދެއްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.


ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ދެވެން އޮތް ހުރިހާ ގޮތަކުން ރާއްޖެއިން ފަލަސްތީނަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމަށެވެ.


ފަލަސްޠީނުގެ ރައީސް، މަޙްމޫދު ޢައްބާޞް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދު ވެސް އެއްބާރުލުންދީ ކުރައްވާ ތާއީދު ދެނެވަޑައިގަންނަވާކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާ ފަލަސްތީނުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު