ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް އެސް.ޑީ.އެފް.ސީ އާއެކު މަޝްވަރާކޮށްފި

4 weeks ago

އަފްރާހް

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާ އާއި މިނިސްޓްރީގެ އިސް ބޭފުޅުން، އެސް.ޑީ.އެފް.ސީއާ ބައްދަލުކޮށް، ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.


މިއަދު ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި، ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމަށް އިސްލާމީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސިންގ ފެސިލިޓީއެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމަކީ ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.


ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާ ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ދިވެހި ދަނޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި އާލާތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.


އެސް.ޑީ.އެފް.ސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިސް ބޭފުޅަކު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މި މަޝްރޫޢު ކާމިޔާބު ކުރުމަށް އެ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށެވެ.


މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް އެއްބަސްވެފައިވަނީ، ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުއާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. 


ކިޔުންތެރިންގެ ހިޔާލު