އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީ އާއި ފީފާގެ ވަފުދާ ޕީޖީ ބައްދަލުކުރައްވައިފި

4 weeks ago

އަފްރާހް

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީއާއި، ރާއްޖެ ވަޑައިގެން އުޅުއްވާ ބައިނަލްއަޤްވާމީ ފުޓްބޯޅައާބެހޭ ޖަމިއްޔާ (ފީފާ) ގެ ވަފްދާ ބައްދަލުކުރައްވައިފިއެވެ.


އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އެދިވަޑައިގަތުމަށް މިއަދު ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އެފް.އޭ.އެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.


މީގެއިތުރުން މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމަށް ގެއްލިފައިވާ ފައިސާއާއި، މުދާ އަނބުރާ ހޯދުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި އެފް.އޭ.އެމްގެ ކުރީގެ ވެރިންގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހުގީގާ ގުޅިގެން، އެފް.އޭ.އެމްގެ މަސައްކަތްތައް އާންމު ހާލަތަކަށް ރުޖޫއަކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިމާވާ ދަތިތައް އެފް.އޭ.އެމްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްއާ ހިއްސާކުރެއްވިއެވެ.


ޕީޖީ ވަނީ ތަހުގީގީ އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެފް.އޭ.އެމް ތެރޭގައި މިފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް އަމާޒުކޮށްގެން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ބައްޓަންކުރުމަށް ބާރުއެޅުއްވިއެވެ.


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޕީޖީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މައްސަލަ ތަހުގީގުކުރެއްވުމަށް 22 އޮކްޓޫބަރު 2023 ގައި ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވެއެވެ.


ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފިނަމަ، އެ ކަމެއް ތަހުގީގުކުރުމަށް އަމުރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  


ކިޔުންތެރިންގެ ހިޔާލު