ސިޔާސީގޮތުން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެމްޑީޕީން އެހީތެރިވަނީ

4 weeks ago

އަފްރާހް

ސިޔާސީގޮތުން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެމްޑީޕީން އެހީތެރިވާން ނިންމައިފިއެވެ.


އެ ޕާޓީން ނެރުނު އިއުލާނެއްގައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ. މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކަމުން އަންނަކަަމަށެވެ. އަދި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ.


އެހެންކަމުން، އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.


އެގޮތުން ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ވައިބަރ (7341637) ނުވަތަ އީމެއިލް (helpline@mdp.org.mv) މެދުވެރިކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.


މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ވަކި ބަޔަކު ވަޒީފާތަކުން ވަކި ކުރަމުންދާ ތުހުމަތުތަކަކީ މީގެކުރިންވެސް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތު ތަކެކެވެ.


އެހެންނަމަވެސް ސަރުކާރުން އެކަން ގެންދަވަނީ ދޮގުކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު