ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކު: ރައީސް

4 weeks ago

އަފްރާހް

ފަލަސްތީނުގެ ކަންކަމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.


އެމަނިކުފާނު މި ޔަގީންކަންދެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރެއްވުމަށްފަހު، މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.


ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި އެންމެހާ ދިވެހި ރައްޔިތުން ފަލަސްޠީނު ރައްޔިތުންނާއި ފަލަސްޠީނުގެ މައްސަލައަށް ތާއީދުކުރާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ދިވެހިން އަބަދުވެސް ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގައެވެ.


އެގޮތުން މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިޔަށްއޮތްތަނުގައިވެސް ފަލަސްޠީނު ރައްޔިތުންގެ މައްސަލައިގައި ދިވެހިރާއްޖެއިން ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.


ފަލަސްޠީނާއި އެގައުމުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރެއެވެ. ފަލަސްޠީނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދެމެހެއްޓެނިވި އަސާސަކަށްވެފައި، ބައިނަލްއަޤްވާމީ މައިދާނުގައި އިންސާފާއި އިންސާނީ ހައްގުތަކަށް ރާއްޖެއިން ބަހައްޓާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.


މިއަހަރު ކުރީކޮޅު ރާއްޖެއިން ކޯ-ސްޕޮންސަރކުރި ގަރާރަކުން، ފަލަސްޠީނު ދައުލަތަކީ އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދުކުރުމަށް ވަނީ ހުށައަޅާފައެވެ. މި ގަރާރު ވަނީ އދ.ގެ އާންމު މަޖިލީހުން ބަލައިގަތުމަށް ނިންމާފައެވެ.


އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނަށް އިޒްރޭލުގެ ސިޔާސަތުތަކުގެ ގާނޫނީ ނަތީޖާތަކާބެހޭ ގޮތުން ލިޔުމުން ބަޔާން ދީ، މި މައްސަލާގައި އަނގަބަހުން ހުށަހެޅި ކަންކަމަށް ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ތާއީދުކޮށްފައެވެ.


މީގެއިތުރުން ރާއްޖޭގައި 12 ޖޫން 2024 ގައި ފަލަސްޠީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ހޯދި 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މިހާރު ވަނީ ޔޫ.އެން.އާރ.ޑަބްލިއު.އޭ. އާއި ޙަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު