ފެނަކަ ހިންގުމުގެ ހަރަދު ބޮޑުތަން ދަށަށް

4 weeks ago

އަފްރާހް

ފާއިތުވި އަށްމަސްތެރޭގައި ފެނަކައިގެ ހިންގުމުގެ ހަރަދު ބޮޑުތަން ދަށަށް ހިނގައްޖެއެވެ.


އެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް މީޑީއާއާއި ހިއްސާކޮށްފައިވާއިރު، ފައިބެއަހަރުގެ ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް ހިންގުމުގެ ޚަރަދުތައް ހުރީ 150.6 މިލިޔަން ރުފިޔާގައެވެ.


އެހެންނަމަވެސް މިއަހަރު ފާއިތުވި މުއްދަތުގައި އެ ޚަރަދަކީ 59.9 މިލިޔަން ރުފިޔާއެވެ. މިއީ 60 އިންސައްތަިގެ ކުޑަވުމެކެވެ.


އެންމެ ބޮޑު ޚަރަދެއް ސަލާމާތްކޮށްފައިވަނީ ކުންފުނިން މުދަލާ ވަސީލަތްތައް އުފުލުމަށް ކުރަންޖެހޭ ކަނޑު ދަތުރުތަކުންނެވެ. އެގޮތުން 2023 ގެ މި މުންދަތުގައި 74.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި ޚަރަދުކުރީ 11.7 މިލިޔަން ރުފިޔާއެވެ. މިއީ 84 އިންސައްތައިގެ ކުޑަވުމެކެވެ.


ފެނަކައިން ވަނީ ސީއެސްއާރްގެ ޚަރަދުތައް ވެސް ކުޑަކޮށްފައެވެ.


އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެފައިވާގޮތުގައި އެވަރެޖްކޮށް އަހަރަކު 80 މިލިޔަން ރުފިޔާ މި ދަތުރުތަކަށް ހޭދަކުރަމުން ގޮސްފައިވާ ކަމަށެވެ. މިހާ ބޮޑު ޚަރަދެއް ކުރަންޖެހުނީ ކުރާ ކޮންމެ ދަތުރަކަށް ކުންފުނިން ވަކިން އުޅަނދުތައް ކުއްޔަށް ނަގާ، އަދި ދަތުރުރުތަކަށް ބޮޑު ހޭދައެއް ކޮށްފައިވުމުންކަމަށް މުއާޒު ވިދާޅުވިއެވެ.


މީގެއިތުރުން ކުންފުނީގެ މާލީ ހާލަތު ތަން ނުދޭވަރުން ސީއެސްއާރް އަށް ޚަރަދުތައް ކޮށްފައި ހުރިކަމަށާއި އެއާއި ގުޅިގެން ސީއެސްއާރް ޚަރަދުތައް މިއަހަރު ވަނީ މުޅިން ކަނޑަޅާފައި ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.


އެހެންނަމަވެސް ފަލަސްޠީނު ފަންޑަށް ކުންފުނިން 1 ލައްކަ ރުފިޔާ ހަދިޔާކޮށްފައިވެއެވެ. 2023 ވަނަ އަހަރު ސީއެސްއާރްގެ ގޮތުގައި 9.3 މިލިޔަން ރުފިޔާ ޚަރަދުކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު