ލަންކާގެ އައު ބޮޑުވަޒީރަށް ރައީސް ޑރ. މުޢިއްޒުގެ މަރުހަބާ

4 weeks ago

އަފްރާހް

އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަނުކުރެއްވި ހަރިނީ އަމަރަސުރިއްޔާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.


ރައީސްގެ މެސެޖުގައި ވިދާޅުވީ އެގައުމުގެ 16 ވަނަ ޕްރައިމް މިނިސްޓަރު ހަރިނީގެ ލީޑަރޝިޕުގެ ދަށުން ލަންކާއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ރާއްޖެއާއި ލަންކާ އާ ދެމެދުގެ ޒަމާންވީ ގުޅުންތައް ވަރުގަދަ ކުރުމަށް އެކީގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.


ހަރިނީ އަމަރަސުރިއްޔާ މި މަގާމަށް އައްޔަން ކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ މިހާރުގެ ރައީސް އަނައުރާ ކުމަރާ ޑިސަނަޔަކެއެވެ.


އެގައުމުގެ ބޮޑުވަޒީރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑިނޭޝް ގުނަވަރްދަނާ އިންތިހާބާ ދިމާކޮށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.


ސްރީލަންކާގައި އަންހެން ބޭފުޅަކު އެންމެ ފަހުން ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާފައިވަނީ 2000 ވަނަ އަހަރުއެވެ.


ހަރިނީގެ އިތުރުން ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ގެ ޕާލިމަންޓު މެމްބަރުން ކަމަށްވާ ވިޖިތާ ހެރެތް އަދި ލަކްސްމޭން ނިޕުނަރައްޗީ ވަނީ ކެބިނެޓް މިނިސްޓަރުންނަށް އައްޔަން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު