ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް: ރައީސް

4 weeks ago

އަފްރާހް

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަގްރީރު ކުރައްވައިފިއެވެ.


އެމަނިކުފާނުގެ ވާހަކަފުޅުގައި، މުހިންމު މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގްވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވިއެވެ. އަދި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކީ، ޚުދު އަޅުގަނޑުމެންގެ ޢަމަލުތަކުން އުފެދިފައިވާ މައްސަލަތައްކަން ފާހަގަކުރެއްވިއެވެ.


"އަޅުގަނޑުމެންނަށް ބޭނުން ވަނީ އެއްބައިވަންތަ އެކުވެރި ދައުލަތްތަކެއް. ބައިބައިވެ މާޔޫސްވެފައިވާ އދ. އެއް ނޫން." ރައީސް ވިދާޅުވެފައެވެ.


މީގެއިތުރުން އދ. އިން ފަރުދީ ދިރިއުޅުމަށް ހަގީގީ ނުފޫޒު ފޯރުވަންޖެހޭނެ ކަމަށާއި، އެ ޖަމްޢިއްޔާއިން ނިންމާ ނިންމުންތައް ދުނިޔޭގެ ފެންވަރުގައްޔާއި ދާޚިލީ ފެންވަރުގައި ތަންފީޒުކުރުމަށް ވެސް ގޮވާލެއްވިއެވެ. އަދި ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެހީތެރިވެދޭ މަލްޓިލެޓަރަލް ނިޒާމެއް ބޭނުންވާ ކަމަށް ވެސް ވިދާޅުވިއެވެ.


"އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ ނަމުގައި ވަކާލާތުކޮށްދީ، އަޅުގަނޑުމެންނަށް ނަތީޖާ ފޯރުކޮށްދޭ ނިޒާމެއް" އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާއި ބޭއިންސާފު ނައްތާލުން ފަދަ މުހިންމު މައްސަލަތައް ޙައްލުކުރުމުގައި އެކަށީގެންވާ ގޮތެއްގައި އދ. އިން މަސައްކަތް ނުކުރާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 


އެގޮތުން މަލްޓިލެޓަރަލް ނިޒާމު ނާކާމިޔާބުވަމުންދާއިރު، ރާއްޖެއަށް މަޑުން ތިބެވޭކަށް ނެތް ކަމަށާއި ނުވެސް ތިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ދިރިތިބުން ބިނާވެގެންވަނީ ދުނިޔޭގެ ދުޅަހެޔޮކަމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.


ޔޫއެންޖީއޭ 79 ވަނަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އދ. ހަރުދަނާކުރުމަށް ފުޅާދާއިރާއެއްގައި އިސްލާޙުތަކެއް ގެނައުމަށް ގޮވާލައްވާފައެވެ. އެ ޖަމްޢިއްޔާގެ މުހިންމުކަން ދެމެހެއްޓޭނީ ހަގީގީ އެދެވޭ ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން އދ. ގެ ކިބައިގައި ހުރެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 


އެމަނިކުފާނު ވަނީ އދ. އަކީ ސުލްޙައާއި، ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ވަރުގަދަ ބާރަކަށް ހެދުމަށްޓަކައި، ލީޑަރުންގެ ކިބައިން، ސީދާ ހަރަކާތަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު