ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

4 weeks ago

އަފްރާހް

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.


އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ތަގްރީރު ކުރައްވަމުންނެވެ.


ރައީސްގެ ތަގްރީރުގައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ވައި ތަޣައްޔަރުވުމާއި ދިރުންތައް ނެތިދިއުންފަދަ ކަންކަމަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.


މިކަންކަމުގެ ތެރެއިންވެސް މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިންސާނިއްޔަތަށް އެންމެބޮޑު ނުރައްކަލެއް އޮތް މައްސަލަކަން ފާހަގަކުރައްވައި އެކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސްގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ އެތައް އަހަރުތަކެއްގެ ކުރިއެރުންތައް ނެތިގެންދާކަމަށާއި ގައުމުތަކުގެ ތަރައްގީގެ ކަންކަމަށް ހޭދަކުރުމަށް ހުންނަ މަދު ވަސީލަތްތައް ކުއްލި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހޭދަކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.


އެމަނިކުފާނު ވަނީ އެކަށީގެންވާ ވަސީލަތްތަކާއެކު އެ މައްސަލަ ހައްލުކުރުމުގެ ނިޔަތާއެކު އަދި ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތަކެއް މިހާރުން މިހާރަށް ހޯދުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލައްވާފައެވެ.


މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ މާލީ އެހީތެރިކަން ހަމަޖެހުމުގައި ކުރިމަތިވާ ދަތިތައް ކުޑަކުރުމުގައި އެއްބާރުލުން ދިނުމަށް މުއްސަނދި އަދި އެންމެ ގިނައިން ވިހަ މާއްދާތައް ޖައްވަށް ބޭރުކުރަމުންދާ ޤައުމުތަކުން ދީފައިވާ ޔަގީންކަމާ އެއްގޮތަށް އެފަރާތްތަކުން މަސައްކަތްކޮށްދެއްވުމަށް ވެސް ރައީސް ގޮވާލެއްވިއެވެ.


މީގެއިތުރުން ކޮޕް29 އާ ބައްދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ތައްޔާރުވަމުންދާއިރު، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އަމާޒުތައް، ބޭނުންވާ ގޮތަށް ހަމަޖެހިގެންދާނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އދ.ގެ އާންމު މަޖިލީހުގެ79 ވަނަ ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ބޭނުންވާ ކަރަންޓްގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާކަން ތަކުރާރު ކުރައްވާފައެވެ.


ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތުގައި ކަނޑުތައް އަދާކުރާ މުހިންމު ދައުރު ފާހަގަ ކުރެއްވިއެވެ. އަދި ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައާ ދިރުންތައް ހިމާޔަތްކުރުމާއި ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދިރުންތައް ޙިމާޔަތްކުރުމުގައި އިތުރު ބާރެއްލައިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. 


މީގެއިތުރުން އެމަނިކުފާނު ވަނީ މުސްތަގްބަލުގެ ޖީލުތަކަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކާއި ވައި ތަޣައްޔަރުވުމާއި ދިރުންތައް ނެތިދިއުންފަދަ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު