ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ރައީސް ގޮވާލައްވައިފި

4 weeks ago

އަފްރާހް

ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.


އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި މިރޭ ތަގްރީރުކުރައްވަމުންނެވެ.


ރައީސްގެ ތަގްރީރުގައި ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަހައްމަލުކޮށްގެން ތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއްގައި، އެ ގައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށް ވެސް ވިދާޅުވިއެވެ.


ފަލަސްތީނުގެ ޣައްޒާގެ ހާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަގްވާމީ ނިޒާމުގެ ނާކާމިޔާބީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވަމުން ރައީސް ވަނީ އެ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަޚަމްވަމުންދާކަން ހަނދުމަފުޅުކޮށް އަރުވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަޞީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފައެވެ.


ޣައްޒާގައި ޢާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިސްރާއީލުން ލުބްނާނަށް ޙަމަލާދީ، އެ ޙަމަލާތަކުގައި އެތައް ސަތޭކަ ޢާންމުންނެއް މަރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ފަލަސްޠީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.


އދ.ގެ ޤަރާރުތަކާއި ބައިނަލްއަގްވާމީ ޤާނޫނުތަކާ ޚިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ. އަދި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭކަމަށް އެ މަނިކުފާނު ކުރައްވާ އިލްތިމާސް، އާންމު މަޖިލީހުގައި ދެއްވި މި ތަގްރީރުގައި ވެސް ތަކުރާރުކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު