ރޭމްގެ ނެޝަނަލް ސްޓިއަރިން ކޮމިޓީ ބައްދަލުވުމެއް ބާއްވައިފި

4 weeks ago

އަފްރާހް

އދ.ގެ އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އާއި ދިވެހި ސަރުކާރުގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގުޅިގެން ނެޝަނަލް ސްޓިއަރިން ކޮމިޓީ މީޓިން ފޯ ދަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ރެޑިނެސް އެސެސްމަންޓް މެތަޑޮލޮޖީ (ރޭމް) ގެ ބައްދަލްވުމެއް ބާއްވައިފިއެވެ.


މިއީ ޔުނެސްކޯގެ "ރެކޮމެންޑޭޝަން އޮން ދަ އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖަންސް"ގެ ދަށުން ދިވެހިރާއްޖޭގައި "ރޭމް"ގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމެކެވެ.


2021ވަނަ އަހަރުގެ ނޮވެމްބަރު މަހު، އ.ދގެ 193 މެމްބަރު ގައުމަކުން ބަލައިގަތް ޔުނެސްކޯ "ރެކޮމެންޑޭޝަން އޮން ދަ އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ އެތިކްސް އާއި ގުޅިގެން ހިފަހައްޓަންޖެހޭ މިންގަޑުތަށް ކަޑައަޅެމަށް ދުނިޔޭގެ ފެންވަރުގައި އެއްބަސްވެވިފައިވާ ފުރަތަމަ މިންގަޑެވެ.


މީގެ ބޭނުމަކީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، އިޖްތިމާއީ ގޮތުން އެއްވެސް ބަޔަކު ބާކީނުވާ އުސޫލަކުން ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށްޓަކައި އޭ.އައި ގެ އިންޤިލާބީ ވަސީލަތް އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފުމެވެ. މި ފްރޭމްވޯކް މެދުވެރިކޮށް އޭ.އައި ތަރައްޤީކޮށް ބޭނުންކުރުމުގައި އިންސާފުވެރިކަމާއި، ދެފުށްފެނުމާއި ޒިންމާދާރުކަން އިސްކޮށް އިޖްތިމާއި ދުޅަހެޔޮކަމަށް މަސައްކަތްކުރުމަށް އިސްކަންދެވޭނެއެވެ.


މި މަސައްކަތުގެ ދަށުން ޔުނެސްކޯއިން ރާއްޖެ ފަދަ މެމްބަރު ގައުމުތަކަށް "އޭއައި ރޭމް" މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އެ ކަމުގެ ސަބަބުން ގައުމުތަކުގެ އެތިކަލް އޭ.އައި ފްރޭމްވޯކްތައް ބަލައިގަތުމުގެ ގާބިލްކަން ދެނެގަނެވޭނެއެވެ.


ތަރައްޤީގެ ދުވެލި ހަލުވިކުރުމުގައި އޭ.އައިގެ ބެނުން ހިފުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. 23 ސެޕްޓެމްބަރ 2024ގައި އދ.ގެ މައި މަރުކަޒުގައި ބޭއްވި ސަމިޓް އޮފް ދަ ފިއުޗަރގައިވެސް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިކަމާއި ގުޅޭގޮތުން އެމަނިކުފާނުގެ ތަސައްވުރު ހިއްސާކުރައްވާފައެވެ.


މިގޮތުން މިކަމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ހުރި ގޮންޖެހުންތަކާއި އަދި އެކަންކަމުން އަރައިގަތުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް އެމަނިކުފާނުވަނީ ހުށައަޅުއްވާފައެވެ. އަދި ދިވެހިރާއްޖޭގައި މިރޮންގުން ކުރެވެމުން އަންނަ މުހިންމު މަސައްކަތްތަކުގެ ވާހަކަވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި މި މޭރުމުން އެން.ސީ.އައި.ޓީ އިން މަސައްކަތްތަކެއް ކުރާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިއަދު މި ބޭއްވުނު ބައްދަލުވުމަކީ މި ތައްސައްވުރު ހާސިލްކުރުމުގައި ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


މިއަދުގެ ބައްދަލުވުމުގެ މައިގަޑު ބޭނުމަކަށްވެފައިވަނީ ސްޓިއަރިންގ ކޮމިޓީ ރަސްމީ ގޮތުން އިފްތިތާހު ކުރުމާއި ކޮމިޓީގެ މަސައްކަތާއި ގުޅޭގޮތުން މެމްބަރުންނަށް ތައާރަފެއް އެރުވުމެވެ. މި ކޮމެޓީއަށް މެމްބަރުން ހޮވާފައިވަނީ ރާއްޖޭގައި މިދާއިރާގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތައް ހިމެނޭނެ އުސޫލަކުންނެވެ. މިގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ ބޭފުޅުންވެސް މިކޮމިޓީގައި ހިމެނެއެވެ.


ކޮމެޓީގެ ބައްދަލުވުން ފައްޓަވައިދެއްވަމުން ކޮމެޓީގެ ޗެއާމަން، މިނިސްޓްރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުހައްމަދު ކިނާނަތު މިކޮމެޓީގެ މަސައްކަތުގެ މުހިންމު ކަމާއި މެދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖެއަކީ އައު އީޖާދުތަކަށް މަރުހަބާ ކިޔާ ސަގާފަތެއް ގެންގުޅޭ ޤައުމެއް ކަމަށާއި އޭ.އައިގެ އެހީގައި އަޅުގަޑުމެންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެންދިއުމަށް ތައްޔާރަށް ތިބިކަމަށެވެ. ދެމެހެއްޓެނިވި ތަރައްޤީއަކަށް ވާސިލްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއީޒު ގެންގުޅުއްވާ އާޓިފިޝަލް އިންޓެލިޖެންސްގެ ތަސައްވުރުފުޅު ހާސިލްކުރުމަށްޓަކައި މިފެށޭ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ވެސް ވިދާޅުވިއެވެ.


މި ބައްދަލުވުމުގައި ޔުނެސްކޯގެ ސައުތު އޭޝިއާ ރީޖަނަލް އޮފީހުގެ ޕްރޮގްރާމް ސްޕެޝަލިސްޓް މިސް ޔުންސޮންގް ކިމް އާއި ޔުނެސްކޯގެ އިންޓަނޭޝަނަލް ކޮންސަލްޓެންޓް ޒޮންކޭ ޒިޝޭ ވަނީ ސްޓިއަރިން ކޮމިޓީގެ މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން ތަފްސީލީ މައުލޫމާތު ދެއްވާފައިވެއެވެ. އަދި މި ބައްދަލްވުމުގައި ބައިވެރިންގެ ސުވާލްތަކަށް ޖަވާބުދިނުމުގެ ސެޝަންއެއްވަނީ ކުރިއަށް ގެންގޮސްފައެވެ. ބައްދަލުވުން ނިންމާލައްވަމުން ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު މެމްބަރުންގެ އަރިހުން ކޮމިޓީގެ މަސައްކަތްތައް ހަލުވިކަމާއި އެކު ގެންގޮސްދެއްވުމަށް އެދިލައްވައި މެމްބަރުންގެ ބައިވެރިވުމަށް ޝުކުރުދަންނަވާފައިވެއެވެ. 


ކިޔުންތެރިންގެ ހިޔާލު