ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ގުޅުން އައު ހަރުފަތަކަށް

4 months ago

އަފްރާހް

ޗައިނާގެ ރައީސް ޝީޖިން ޕިންގެ ދައުވަތަކަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އައު ސަފުހާ އެއް ހުޅުވިފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޝިން ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ އެގައުމުގެ ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 1500 ޓަނުގެ ބޯފެން ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.


މި ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ އެއީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އައު ހަރުފަތަކަށް ވެސް އުފުލިފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ އަބަދު ވެސް ޗައިނާގެ ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެއްކަން ވެސް ފާހަގަކުރެއްވިއެވެ.


މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމިރު ވިދާޅުވީ މި ސަރުކާރަކީ ދިވެހިންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން މިލިބުނު ފެން ފޯރުކޮށްދޭނީ ސާފު ބޯފެން ލިބުމުގައި ދަތިވާ ރަށްތަކަށް އިސްކަންދީގެންކަމަށެވެ.


މިނިސްޓަރ އިތުރަށް ވިދާޅުވީ ބޯފެން ރައްކާތެރިކަމާއެކު ބެހެއްޓޭނެ ތަންތަން ރާއްޖޭގައި ވަރަށް މަދު ކަމަށާއި ރާއްޖެ ބޮޑަށް ބަރޯސާވެފައި އޮންނަން ޖެހެނީ ލޮނު ފެން މީރު ފެނަށް ބަދަލުކުރުމަށް ކަމަށެވެ.


ޝީޒަންގ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް 1500 ޓަނުގެ ބޯފެން ހަދިޔާ ކުރައްވަން އެ ރީޖަންގެ ޗެއަރމަން ނިންމެވީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތޭރޭގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި ފެނުގެ ޝިޕްމެންޓް ރާއްޖެ އައިސްފައިވަނީ މިދިޔަ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ.


ޗައިނާ އިން ރާއްޖެއަށް ހަދިޔާކުރި ފެނުގެ ޖުމްލަ އަގަކީ 10 މިލިޔަން ޔުއާން ނުވަތަ 21.3 މިލިޔަން ދިވެހި ރުފިޔާއެވެ. 


ކިޔުންތެރިންގެ ހިޔާލު