2 months ago
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ގައި ބައިވެރިވުމުގެ ވަގުތު ކުޑަތަންވެއްޖެއެވެ.
އެގޮތުން މިއަހަރު ބާއްވާ މި ދުވުމުގައި ބައިވެރިވުމގެ ސުންގަޑި މި ސެޕްޓެމްބަރ މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖަހާއިރު ހަމަވާނެކަމަށެވެ.
އަންނަ އޮކްޓޯބަރ މަހުގެ މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި މިއަހަރު ވަނީ އޮފީސް/ރިސޯޓް، ކެޓަގަރީ އަށް ހާއްސަކޮށްގެން 5 ކިލޯމީޓަރުގެ އިވެންޓެއް ތައާރަފްކޮށްފައެވެ.
މިއީ އެކި ރިސޯޓުތަކާއި އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓީމެއްގެ ގޮތުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެކި މުއައްސަސާތައް ތަމްސީލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ތައާރަފްކުރި ކެޓަގަރީއެކެވެ.
މި ކެޓަގަރީގައި ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. އަދި މުއައްސަސާއެއް ތަމްސީލުކުރުމަށް ކިތަންމެ ގިނަ ޓީމަކަށް ވެސް ޑީއެމްއާރުއާރު 2024 ގައި ރަޖިސްޓްރީވެވޭނެއެވެ.
މީގެއިތުރުން ކޮންމެ ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާވާ ކުންފުނި އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް ވެސް އެ ފަރާތެއްގެ މުއައްސަސާ ތަމްސީލުކުރުމުގެ ޓީމުތައް އެކުލަވާލައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
އޮފީސް/ރިސޯޓް ކެޓަގަރީގެ މޮޅުވާ ޓީމުތައް ހޮވުމަށް ނިންމާފައިވަނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމުލަ ވަގުތަށް ބަލާފައެވެ. އަދި ހުރިހާ މެމްބަރުން ވެސް ކަޓް-އޮފް ވަގުތު ކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަންވާނެ ކަމަށް ދިރާގުން ވަނީ ވިދާޅުވެފައެވެ.
މި ކެޓަގަރީގެ އިނާމުތަކަކީ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރއަޕް ޓީމަށް 8،000 ރުފިޔާ އަދި ދެވަނަ ރަނަރއަޕް ނުވަތަ ތިންވަނަ ޓީމަށް 6،000 ރުފިޔާއެވެ.
ޓީމުތަކުގައި ހުސް ފިރިހެން، ހުސް އަންހެން ނުވަތަ ދެ ޖިންސު އެއްކޮށް ބައިވެރިވެ، ދުވުމުގެ ފުރުސަތު ލިބެއެވެ. އެހެންނަމަވެސް އެ ކެޓެގަރީގައި ބައިވެރިވާ ފަރާތްތަކަށް އެ ނޫން އެހެން ކެޓެގަރީއެއްގައި ބައިވެރި ނުވެވޭނެއެވެ.
ދިރާގުގެ މި ދުވުމަކީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
މިއީ ދިރާގުން ބާއްވާ 15 ވަނަ ދުވުމެވެ.
މިއަހަރު ވެސް ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ވަނީ ހާއްސަކޮށްފައެވެ. އެގޮތުން ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު މިއަހަރު ވެސް ލިބޭނެއެވެ.