ކަނޑުގެ ލޮނުގަނޑު އުސްވުމަކީ މުޅި އިންސާނިއްޔަތަށް އޮތް ނުރައްކަލެއް: ރައީސް

3 weeks ago

އަފްރާހް

ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަކީ މުޅި އިންސާނިއްޔަތަށް އެކި ގޮތްގޮތުން އޮތް ނުރައްކަލެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައިގެ ނުރައްކާ ބޮޑުވެފައިވާއިރު، އެކަމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފަތާއި ތަރިކައަށް ވެސް ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށެވެ.


މީގެއިތުރުން ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ސަބަބުން މޫސުމީ ކާރިސާތައް އިތުރުވެ، ދިރިއުޅުމުގެ ހާލަތަށް އަސަރުކޮށް، ތަރައްގީއަށް ހުރަސް އެޅޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިގްތިސާދަށް ނުރައްކާތައް ކުރިމަތިވަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.


އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން، ދެމެހެއްޓެނިވި އަވަސް ހައްލުތަކެއް ހޯދަންޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


މި މައްސަލައަށް ހައްލުތައް ހޯދުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ރައީސް ވަނީ އޭގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދަ އިތުރުކުރުން ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަދަންޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ ހޭދައާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރާ ހޭދައިގެ ފަރަގު ކުޑަކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހޯދަންޖެހޭކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު