ސިންގަޕޫރުގެ ފޮރިން މިނިސްޓަރާއެކު ރައީސް ޑރ. މުއިއްޒު މުހިންމު ބައްދަލުވުމެއް

3 weeks ago

އަފްރާހް

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ވިވިއަން ބާލާކްރިޝްނާންއާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.


މި ބައްދަލުކުރެއްވުމުގައި ރައިސް ވަނީ ރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ސިންގަޕޫރުގެ ޚާރިޖީ ވަޒީރާ ޙިއްސާކުރައްވާފައެވެ.


މީގެއިތުރުން އާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރަސް މާލެއަކީ ޑިޖިޓަލް، ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އެ މަނިކުފާނާ ހިއްސާކުރެއްވިއެވެ.


ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަކުރުމަކީ ގައުމުގެ އާބާދީގެ ފަންސާސް އިންސައްތަ ހިއްސާކުރާ ޒުވާނުންނަށް ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ޕޭޕާލް ފަދަ އެކިއެކި ޕްލެޓްފޯމްތަކުގެ ބޭނުން ހިފާނެ ފުރުސަތު ދިވެހި ޒުވާނުންނަށް ލިބުމަކީ ޒުވާން ވިޔަފާރިވެރިންނަށް ބޭރު ދުނިޔޭގެ މާކެޓްތަކަށް ވަނުމަށާއި އެ ޒުވާނުންގެ އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.


އެ ދެބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމަށް މުހިންމު ކަންކަމުގައި ހާއްސަގޮތެއްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އެއޯސިސް) އާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު