އޮސްޓްރޭލިއާ އެކު އޮތް ގުޅުން އިތުރަށް ބަދަހި ކުުރުމަށް ރާއްޖެއިން މަޝްވަރާކޮށްފި

3 weeks ago

އަފްރާހް

ދަ ކޮމޮންވެލްތް އޮފް އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ހަރ އެކްސެލެންސީ ޕެނީ ވޮންގާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.


އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައެވެ.


އެގޮތުން އިންޑިޔާކަނޑުގެ ހަމަޖެހުމާއި ސަލާމަތާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ކަންބޮޑުވުންތައް ހައްލުކުރުމާއި ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އޮސްޓްރޭލިއާ ސަރުކާރުން ފަހިކޮށްދެއްވާ ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމަށާއި ޚާރިޖީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު