ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަނީ

3 weeks ago

އަފްރާހް

ރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.


އެމަނިކިުފާނު މިފަދައިން އިއުލާން ކުރެއްވީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.


ރައީސް ވަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުސަތަކަށް ވާނޭކަން ފާހަގަކުރައްވާފައެވެ.


ކޮޕް28 އިން ފެށިގެން މިހާތަނަށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި، 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަންސް އަށް ވާސިލުވުމަށް އެކުލަވާލާފައިވާ ރޭވުންތަކުގެ ތަފްސީލު ވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.


މީގެތެރޭގައި އިރުގެ އައްޔާއި ވައި އަދި އެނޫން ވެސް އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްކުރުމާއެކު، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމުތައް އިތުރުކޮށް، ހަކަތައިގެ ގޮތުގައި ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޤަސްދުކުރައްވާފައިވާ ގޮތް ވެސް ހިއްސާކުރެއްވިއެވެ.


އެމަނިކުފާނު ވިދާޅުވީ މިއަމާޒުތަކަށް ވާސިލުވުމަށްޓަކައި، ކުނިން ހަކަތަ އުފައްދާ ނިޒާމެއް އައްޑޫ ސިޓީގައި ގާއިމްކުރައްފައިވާ ކަމަށާއި 13 މެގަވޮޓުގެ އިތުރު ނިޒާމެއް ތިލަފުށީގައި ތަރައްގީކުރައްވަމުން ގެންދަވާކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ދަތުރުފަތުރުގެ ނިޒާމުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ޑރ. މުޢިއްޒު ވަނީ މޫސުމާ ގުޅޭ މާލީ އެހީ އަތްފޯރާފަށަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލްގައި ވާފަދައިން، އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ގޮތްތައް ހިމެނުމަށްވެސް ގޮވާލެއްވިއެވެ.


މީގެތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި، އެ ބަދަލުތަކަށް ހޭނުމަށާއި، އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހިމަނަންވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހުރިހާ މަސައްކަތެއް ވެސް 1.5 ޑިގްރީގެ އަމާޒަށް ވާސިލުވާނޭ ފަދައިން ބައްޓަންކުރަންވާނެ ކަމަށް ވިދާޅުވިއެވެ.


އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމަކީ މޫސުމީ ވިލުންތެރިކަން އިތުރުކޮށް، އިގްތިސާދު ހަރުދަނާކޮށް، ވިލުންތެރި މުޖުތަމައަކަށް މަގުފަހިކޮށްދޭނޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން މިކުރާ މަސައްކަތްތަކުން ހިތްވަރުލިބިގެން، އިތުރު ގައުމުތަކުން ވެސް އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު