ޑިމެންޝިއާ ގެ މައުލޫމާތު ދިނުމުގެ ތިންވަނަ ސެޝަން މާދަމާ އައްޑު ސިޓީގަ

4 months ago

އަފްރާހް

ޑިމެންޝިއާ ގެ މައުލޫމާތު ދިނުމުގެ ތިންވަނަ ސެޝަން މާދަމާ އައްޑު ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.


މިއީ އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ސިލްސިލާކޮށް ކުރިއަށްގެންދާ ސެޝަންތަކެެކެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީގައި ވަނީ މިފަދަ ދެ ސެޝަން ބާއްވާފައެވެ.


އައްޑުސިޓީގައި ބާއްވާ މި ސެޝަން އޮންނާނީ އައްޑު އެކިއުޓޯރިއަލް ހޮސްޕިޓަލް (އޭއައިސީ) ގެ ޖަލްސާކުރާ މާލަމުގައި މޭ 25 ވާ ހޮނިހިރު ދުވަހު ހަވީރު 3:45 ގައެވެ.


މި ސެޝަނާއި ގުޅޭގޮތުން 'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އެ ސޮސައިޓީގެ ކޯފައުންޑަރ އަދި ޗެއަރޕާރސަން ހުސައިން ނިޔާޒު ވިދާޅުވީ ކުރިން ބޭއްވި ދެ ސެޝަނެކޭ އެއްފަދައިން މި ސެޝަންގައި ވެސް ޑިމެންޝިއާ އާއިގުޅޭ މައުލޫމާތު ދީ، ޕެނަލް ޑިސްކަޝަން އޮންނާނެ ކަމަށެވެ. އަދި ކުރެހުމުގެ މައުރަޒު ވެސް ބާއްވާނެ ކަަމަށް ވިދާޅުވިއެވެ.


ކުޅުދުއްފުށި ސިޓީއާއި ފުވައްމުލައް ސިޓީއެކޭ އެއްފަދައިން އައްޑު ސިޓީގައި ވެސް ޑިމެންޝިއާ އަށް ސަމާލުވާންޖެހޭ 10 ކަމަކަށް އަލިއަޅުވައިލާ، އެހީދާރެއްގެ ވާހަކަ ގެނެސްދީ، ނަފްސާނީ ދުޅަހެޔޮކަމާއި ޑިމެންޝިއާ އާ ހުރި ގުޅުމުގެ ވާހަކަ ދައްކައި، ހޭލުންތެރި ކުރުވުމުގެ މަަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ނިޔާ ވިދާޅުވިއެވެ.


އައްޑު ސިޓީގައި ބާއްވާ ސެޝަންގެ މޮޑަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ވެސް މަޝްހޫރު ނިއުސް އެންކަރ އަދި އެޑިއުކޭޓަރ ޞާބިރާ އަހްމަދުއެވެ. ޕެނަލިސްޓުންގެ ގޮތުގައި ސައިކޮލޮޖީ ލެކްޗަރަރ އަޒްރާ އަބްދުއް ސައްތާރު، ގްލޯބަލް ޑިމެންޝިއާ އެކްސްޕަރޓް ޕެނަލް މެމްބަރު، އަލްޒައިމަރސް ޑިސީސް އިންޓަރނޭޝަނަލް ޑރ. ރުޚްސާނާ އަހްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ.


މީގެއިތުުރުން މަހާ ގެ ރައީސް ޑރ. މުހައްމަދު އަލީ އާއި ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރ ހަސަން ޒުލްގަރްނައިން މަހްމޫދު ބައިވެރިވެވަދައިގަންނަވާނެއެވެ. އަދި އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު ޢަލީ އާއި ޑރ. ޝީހ ޕޯ ޓިއޯ އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު