އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ: ރައީސް

3 weeks ago

އަފްރާހް

އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ދިވެހީން، ދިވެހީންގެ ރަށްތަކުގެ ހިމާޔަތުގައި މަސައްކަތް ކުރާނެކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ރާއްޖެއިން، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެކަމުގައި ވެސް ވިދާޅުވެފައެވެ.


މި ސެޝަން ކުރިއަށް ގެންދިޔައީ "ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަޤާފަތާ ހުރިގުޅުން" މައުޟޫއަށެވެ.


ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި މިކަމާގުޅޭ ގޮތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ.


ފުރަތަމަ ކަމަކަށް އިގްތިސާދު ސިންދަފާތުކުރުމާއި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ހިމާޔަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. ދެވަނަ ކަމަކަށް ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމައުތައް ބާރުވެރިކޮށް، ސަގާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ހިމާޔާތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.


ތިންވަނަ ކަމަކަށް، ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ގައުމެއް އެކަނި ކުރިމަތިލައި، ހައްލު ހޯދަންޖެހިގެންނުވާނެ ކަމަށާއި މި މައްސަލައިގައި މުޅި ބައިނަލްއަގްވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން، އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަގާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަގްބަލެއް ލިބެންޖެހޭކަން ފާހަގަކުރައްވައި، މިކަމުގައި ހަރުދަނާ ގޮތްތަކެއް ނިންމުމަށް ގޮވާލެއްވިއެވެ. އަދި މިކަމަށް އެދެވޭ ހައްލެއް ނުހޯދޭކަމުގައިވާނަމަ، މިތަނަށް އެއްވެ މިތިބި ބޭނުމާމެދު ސުވާލު އުފެދޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު