މައުލޫމާތު ދިނުމުގެ ޗެޝަނެއް ބ. ގޮއިދޫގަ

3 weeks ago

އަފްރާހް

ސްކޫލު ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މައުލޫމާތުދިނުމުގެ ސެޝަންތަކެއް ބ. ގޮއިދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.


ސެޕްޓެންބަރު 25 ވަނަ ދުވަހު ބ. އަތޮޅު ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އެ ސެޝަންތަކުގައި މައުލޫމާތުދީފައިވަނީ އެ ސްކޫލުގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުންނަށެވެ.


ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަން އެކްޓިވް ލަރނިންގ ސެޝަނެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވާއިރު ރައްކާތެރިކަމާއެކު ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީ އަދި ސްކްރީން ޓައިމް ލިމިޓްކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ސޯޝަލް މީޑިއާއިން ބައްދަލުވާ މީހުންނަށް ފޮނުވަން ނުޖެހޭ ފޮޓޯ ވީޑިއޯ އަދި ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. 


މީގެއިތުރުން އެފަދަ ކަމެއް ކޮށްފިނަމަ ކުރިމަތިވެދާނެ ހިތާމަވެރި ހާލަތްތައް ބުނެދީ އެފަދަކަންކަމުން ދުރުހެލިވެތިބުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ސައިބަރ ބުލީންގެ ޝިކާރައަކަށް ވެއްޖެނަމަ އަމަލުކުރަންވީ ގޮތްތައް ބުނެދީ ދަރިވަރުންގެ ސޯޝަލް މީޑީއާ އެކައުންޓުތައް ރައްކާތެރިކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.


މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި ސްކޭމްކުރާ މީހުންގެ ކިބައިން ސަލާމަތްވާނެ ގޮތްތަކާއި އިންޓަނެޓުން ފެންނަ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުތަކެތި އެއްވެސް މީހަކަށް ޝެއަރނުކުރުމަށާއި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި ރާއްޖޭގައި ވަބާއަކަށް މިއަދު ވެފައިވާ ޓެލެގްރާމް ޕޯނޮގްރެފިކްސް ޗެނަލްތައް ހިންގާ ފަރާތްތަކަށް އެފުރުސަތު ނުދިނުމަށް ނަސޭހަތްތެރިވެފައިވެެއެވެ. އަދި ބޭނުންކުރާ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ފޯނު ފަދަ ތަކެތީގެ ސެކިއުރިޓީ ޔަގީންކުރާނެ ގޮތްތައް ބުނެދީ ޓޫ-ފެކްޓަރ އަޮތޮންޓިކޭޝަންގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. 


ހަމައެއާއެކު، ދަރިން އިންޓަނެޓް މެދުވެރިކޮށް ކުރާ ކަންކަން ބަލައި ކުށެއް ހިނގާކަން ފާހަގަކުރެވިއްޖެނަމަ އެކަމަކުން ދުރުވާން އެކުދިންނަށް ނަސޭހަތްދީ އިންޓަނެޓް ބޭނުންކޮށްގެން ހިންގާ ނަހަމަ ގުޅުންތައް ބެލެނިވެރިން ދެނެގަނެ ފާރަވެރިވެވޭނެ ގޮތްތައް ބުނެދީފައިވެެއެވެ. އެގޮތުން މައިކްރޯސޮފްޓް ފެމިލީ ސޭފްޓީ ބޭނުންކުރާނެގޮތާއި ކުށުގެ ޝިކާރައަކަށްވާ ކުދިންގެ ކިބައިން ފެންނާނެ އަލާމާތްތަކާއި ސްކްރީން ޓައިމް ގިނަވެއްޖެނަމަ ކުއްޖާގެ ހެދިބޮޑުވުމަށް އަންނާނެ ނޭދެވޭނެ އަސަރުތަކާ ގުޅޭގޮތުން ތަފްސީލު ގޮތެއްގައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.


މީގެއިތުރުން ގޮއިދޫގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށާއި ޕާކިންގ އާއި އެހެނިހެން މައްސަލަތައް ހައްލު ނުވެއްޖެނަމަ ހިނގައިދާނެ ހާދިސާތައް ބުނެދީ އެފަދަ ހާދިސާތައް މެދުވެރިވުން ހުއްޓުވައި ރައްކާތެރި ތަނަކަށް ގޮއިދޫ ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށާއި ފަރުދީ ޒިންމާ އިސްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.


35 ދަރިވަރުނާއި 35 ބެލެނިވެރިންގެ އިތުރުން 10 މުދައްރިސުން ހިމެނޭހެން ޖުމްލަ 80 މީހުން އެ ސެޝަންތަކުގައި ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު