ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ރައީސް ގޮވާލައްވައިފި

3 weeks ago

އަފްރާހް

ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.


އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީޚީ ބަޔާނުގައި އެ ބަޔާނުގައި ރައީސް ވަނީ އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާޙުތަކެއް ގެނައުމަށް ވެސް ގޮވާލައްވާފައެވެ.


ދުނިޔޭގެ ސުލްހަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ހަވާލުކުރެވިފައިވާ ބުރަ ޒިންމާގެ މަތިން ހަނދުމަފުޅުކޮށްއަރުވަމުން ވަނީ، އެ މަޖިލީހުގެ ނާގާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި ޖަވާބުދާރީވުމާއި ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ޣައްޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ވިދާޅުވީ ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ ޢަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަގްވާމީ ގާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަމަށެވެ. އަދި ފަލަސްޠީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށެވެ.


"އަދަބެއް ނުދެވި، އަނިޔާވެރި އިސްތިޢުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުޞަތު ފަހިކޮށްދެނީ ވެސް ވީޓޯގެ ބާރުން." އެމަނިކުފާނު ވިދާޅުވިއެވެ.


މި މައްސަލަ ހައްލުކުރުމަށް ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން މުޅި ބައިނަލްއަގްވާމީ މުޖުތަމައުން އީޖާދީ ހައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާކުރުމަށް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.


މިއީ އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި މިއީ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު