ރައީސްގެ ޑރ. މުއިއްޒު އަވަހާރަކޮށްލަން އިންޒާރު ދިނުން އެމްއެންޕީން ކުށްވެރިކޮށްފި

3 weeks ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ.


އެ ޕާޓީން މިހެން ގޮވާލލާފައި މިވަނީ ރައީސް ޑރ. މުޢިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށާފައިވަނިކޮށްނެވެ. މި އިންޒާރު ދީފައިވަނީ "އަބްލޯ މްޔަދު ޔޮސެފް" ނަމުގައިވާ ފޭސްބުކް އެކައުންޓަކުންނެވެ.


އެމްއެންޕީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު ފާޅުގައި އިންޒާރުދިން މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަށީގެންވާ ތަހުގީގެއް ހިންގުމަށް ގާނޫނު ތަންފީޒުކުރާ ތަހުގީގީ އިދާރާތަަކަށް ވަނީ ގޮވާލާފައެވެ.


މީގެއިތުރުން ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެކަށީގެންވާގޮތަށް ކުރިއަށްގެންދާނެ ކަމާއިމެދު އެޕާޓީން ޝައްކު ނުކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.


މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެފައިވަނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށެވެ.


ރާއްޖޭގައި ވެސް ރައީސުންނަށް ހަމަލާ ދިނުމުގެ މާޒީއެއް އޮތްއިރު، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުއްގައްޔޫމަށް 2002 ވަނަ އަހަރު ހއ. ހޯރަފުއްޓަށް ވަޑައިގެން ބަނދަރުގައި ހުންނަވަނިކޮށް ވަނީ ވަޅިން ހަމަލާއެއް ދީފައެވެ. އެ ފަހަރު އެމަނިކުފާނު ސަލާމަތްވީ، އެމަނިކުފާނު އަރިހުގައި ތިބި ސްކައުޓް ދަރިވަރުން ވެސް އެމަނިކުފާނު ދިފާއުކޮށް ދިނިތީއެވެ.


މީގެއިތުރުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހައްޖުގެ ދަތުރުފުޅަކަށް ފަހު، އަނބިކަނބަލުންނާ އެކު މާލެ ވަޑައިގެންނެވި ދުވަހު ފިނިފެންމާ ލޯންޗުކޮޅުގައި ވަނީ އެއްޗެއް ގޮއްވާލާފައެވެ. އެކަމަކު އެމަނިކުފާނު ވަނީ ސަލާމަތްވެވަދައިގެންފައެވެ.


ހަމަމިއާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް 2021 ވަނަ އަހަރު މެއި މަހު 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއެއް ވަނީ ދީފައެވެ. މި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވިނަމަވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވައި، މިހާރު ހުންނެވީ ހެޔޮހާޅުކޮޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު