ޑަބްލިޔުޓީއެމް ލަންޑަންގެ ޕާރޓްނަރ އަކަށް މަޓާޓޯވުމަށް ސޮއި ކޮށްފި

3 weeks ago

އަފްރާހް

ކުރިއަށް އޮތް ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2024 ގައި އެކުގައި މަސައްކަތްކުރުމަށް ޑަބްލިއުޓީއެމް ގެ އޯގަނައިޒާސް ކަމަށްވާ އާރްއެކްސް ގްލޯބަލްއާއި މަޓާޓޯއިން ރަސްމީކޮށް ޕާޓްނަރޝިޕް ހަދައިފިއެވެ.


މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާ މުޙިއްމު ތަރައްގީއެކެވެ. އަދި މިއިން ދޭހަކޮށްދެނީ މިފަދަ މުހިންމު ދައުރެއް އަދާކުރުމަށް މަޓާޓޯ އަށް އެބޭފުޅުން ދެއްވި އިތުބާރާއި ރާއްޖޭގެ ފަތުރުކަމުގެ ދާއިރާގައި މިފަދަ މަގާމެއް ލިބުމަށް މަޓާޓޯގެ މަސައްކަތުގެ މުޙިއްމުކަމެވެ.


ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް ޓްރެވަލް އެންޑް ޓޫރިޒަމް އެކްސްޕޯ ކަމަށްވާ ޑަބްލިޔުޓީއެމް ލަންޑަން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހު 5 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް އެކްސެލް ލަންޑަންގައެވެ. އަދި މިތަނަށް ގާތްގަނޑަކަށް 5000 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި 51000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.


މިއީ މަޓާޓޯ އާއި ޑަބްލިޔުޓީއެމް ލަންޑަނާއި އެކު މަސައްކަތްކުރެވުނު ފުރަތަމަ ފަހަރެއްނޫނެވެ. މިދެފަރާތުގެ ގުޅުން ފެށިފައިވަނީ 2016 ވަނަ އަހަރުގައި ހަމަ މިފަދަ އެއްބަސްވުމަކާއި އެކު އެ އަހަރުގެ އިވެންޓްގައި ވެސް ޕާރޓްނަރ ވެގެންނެވެ. އަދި މަޓާޓޯ އިން ނޫސްތަކުގެ ޚަބަރުތަކުގައި ފާހަގަވެ، އަނެއްކާ ވެސް މިއަހަރު މިދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މަޓާޓޯ އިންކުރާ މިންނެތް މަސައްކަތެވެ.

މި ޕާރޓްނަރޝިޕްއާއި ބެހޭގޮތުން ވާހަކަ ދައްކަމުން މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް މިއެއްބަސްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

"މިއީ މަޓާޓޯއަށް އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށްވެސް ވަރަށް ޚާއްސަ ލަނޑުދަނޑިއެކެވެ. ޑަބްލިޔުޓީއެމް ލަންޑަންއާއި އަޅުގަނޑުމެންގެ މި އައުކުރެވިގެންދިޔަ ގުޅުމުން ޔަގީންކޮށްދެނީ އަޅުގަނޑުމެން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ވިދުވަރު އަލިގަދަކޮށް ދެމެހެއްޓުމަށް މަޓާޓޯއިން ކުރަމުންދާ ހިތްވަރެވެ." އޭނާ ވިދާޅުވީއެވެ.


އޭނާ ސޫޒަން ވިދާޅުވީ މިއެއްބަސްވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ކަންކަން ދައްކައިދިނުމާއެކު މެމްބަރުންނާއި ސްޓޭކްހޯލްޑަރުންނަށް ގުޅުންހުރި ފަރާތްތަކާއި ބައްދަލުވެ، މަޝްވަރާކޮށް އެކުގައި މަސައްކަތްކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.


ދުނިޔެއިން ރާއްޖެ އަކީ އެންމެ ވަރުގަދަ އެއް ލަގްޒަރީ މަންޒިލްކަމުގައި އަދިވެސް ބަލައިގަންނަމުންދާއިރު، ޑަބްލިޔުޓީއެމް އާއިއެކު މަޓާޓޯ އިން އެއްބަސްވުމުގައި ސޮއިކުރުމުން ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މުހިންމުކަން ބަޔާންވެގެންދެއެވެ. މި އެއްބަސްވުން ކުރެވިފައިވެސް މިވަނީ ވަރަށް ރަނގަޅު ދަނޑިވަޅެއްގައި ރާއްޖެއިން ތަފާތު އެތައް ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކެއް ދެއްކުމަށްރޭވިފައިވަނިކޮށެވެ. އެންމެ މަތީ ފަންތީގެ ރިސޯޓްތަކުން ފެށިގެންގޮސް ގެސްޓްހައުސްތަކާއި އީކޯ ޓޫރިޒަމް އަދި ސަގާފީ ދެއްކުންތައް މީގައި ހިމެނޭނެއެވެ.

އިވެންޓަށް ދެން ބާކީ ދޮޅުމަހެއްހާ ދުވަސްބާކީ އޮތްއިރު މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ތިބީ ޑަބްލިޔުޓީއެމް 2024 ގައި ރާއްޖެ ބައިވެރިވާނެކަމުގެ އިންތިޒާރުގައެވެ. އަދި މަޓާޓޯއާއި މަޓާޓޯގެ މެމްބަރުން ރާއްޖޭގެ އެންމެ ހިތްގައިމު އަދި ފަތުރުވެރިންނަށް އެންމެ ކަމުދާނެ ޕްރޮޑަކްޓްސް ދައްކައިދޭ މަންޒަރު މި އިވެންޓްގައި ފެނިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު