3 months ago
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރިންސްޓަން ޔުނިވަރސިޓީގައި މިރޭ ތަގްރީރު ކުރައްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން ވިދާޅުވީ މިއީ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވަރޑްސް އެސް. ސެންފޯޑް ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ. ޖަމާލްގެ ދައުވަތަކަށް، ޕްރިންސްޓަން ޔުނިވަރސިޓީގައި މިރޭ ތަޤުރީރު ކުރައްވާނެއެވެ.
"ޑީންސް ލީޑަރޝިޕް ސީރީޒް" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތުގައި އެމަނިކުފާނުގެ ތަގްރީރު ކުރައްވަން ހަމަޖެހިފައިވަނީ ޝަރަފުވެރި އާތަރ ލުއިސް އޯޑިޓޯރިއަމްގައެވެ. މި ތަގްރީރަށްފަހު ދަރިވަރުންނާއި މުދައްރިސުންނާއެކު 'ފަޔަރސައިޑް ޗެޓް' އަކާއި ސުވާލާއި ޖަވާބު ސެޝަނެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ ތަގްރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާނީ ރާއްޖެއާ ގުޅުންހުރި މުހިންމު މައުޟޫއުތަކުގެ މައްޗަށެވެ. މީގެތެރޭގައި ކުދި ޖަޒީރާ ތަރައްގީވަމުންދާ ގައުމުތައް (ސިޑްސް)، އިންޑިއާ ކަނޑު، އަދި މޫސުމަށް އަންނަ ބަދަލުތައް ހިމެނެއެވެ.
މި ޒިޔާރަތަކީ ތައުލީމީ އަދި ބައިނަލްއަގްވާމީ ކަންކަމުގައި ދުނިޔޭގެ އެކި ފަރާތްތަކާއެކު ގުޅުންބަދަހިކުރުމަށް އެމަނިކުފާނު ދެއްވާ އަހަމިއްޔަތަށް ބާރުދޭ ހެއްކެކެވެ.
އެމަނިކުފާނު ޕްރިންސްޓަން ޔުނިވަރސިޓީއަށް ކުރައްވާ މި ޒިޔާރަތަކީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގައި ހިމެނޭ ކަމެކެވެ.