ރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ޖެހޭ: ރައީސް

3 weeks ago

އަފްރާހް

އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް ރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ "ޑީންސް ލީޑަރޝިޕް ސީރީސް" ގައި ދެއްވި ތަގްރީރުގައެވެ.


އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެމަނިކުފާނު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ މި ޔުނިވަރސިޓީއަށް ވަޑައިގެން ދެއްވި ތަގްރީރުގައި ވަނީ އިންޑިއާ ކަނޑުގެ ބާރުތަކުގެ މެދުގައި އޮންނަ ހަމަޖެހުމަށްޓަކައި ރާއްޖޭގެ އިސްތިރާޖީ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފައެވެ.


ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ވާހަކައަކީ ކާމިޔާބުކަމާއެކު ތަރައްގީވަމުންދާ ގައުމެއްގެ ވާހަކަކަން ފާހަގަކުރައްވާފައެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމައެއްގެ ގޮތުގައި ގައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަގްވާމީ މާލީ އާކިޓެކްޗަރ އިސްލާހުކުރުމަކީ އެ މަނިކުފާނުގެ ޢަޒުމެއްކަމަށް ވިދާޅުވާ ވިދާޅުވުން ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.


މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.


މީގެއިތުރުން ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ. އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު