ފަރުދުންނާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަން ނުދިނުމަކީ ދީނާއި ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް

3 weeks ago

އަފްރާހް

އިސްލާމީ މުޖްތަމައުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް އޮތް މީހެއްކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.


"ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ވަނީ ކޮންމެ އިންސާނަކީ އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް ރަސްކަލާނގެ ހަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއްކަން ވެސް ހަނދާންކޮށްދީފައެވެ.


ހުތުބާގައި ބުނީ ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމައުގައި ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއްކަމަށެވެ. އަދި ބައެއް މީހުންނަކީ އަދާކުރާ މަސްއޫލިއްޔަތުގެ ބާވަތުން އިޚްލާސްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކުރުމަށް މާތް ރަސްކަލާނގެ ގަންދީ ހުވައިކޮށްގެން ތިބި ބައެއް ކަމަށެވެ.


މީގެއިތުރުން އެ ފަދަ ފަރާތްތަކުން ވެފައިވާ އަހުދާއި ހުވަޔަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށާއި ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަމަށް ވަނީ ބުނެފައެވެ.


ވަޒީފާތަކާއި މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި އެހެންވެ، އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމައުގެ މަސަލަތަށް އިސްކަން ނުދޭ ނަމަ، އެއީ ދީނާއި ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.


އަމިއްލަ މަސްލަހަތު އިސްކުރުމަކީ އަދާކުރާން ޖެހޭ މަސްއޫލިއްޔަތަށް އުނިކަން އަންނަ ކަމެއް ކަމަށާއި ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަސްލަހަތަށް ވުރެ ބޮޑަށް، އަނެކުންގެ މަސްލަހަތަށް އިސްކަންދޭ މީހުންކަމަށް ހުތުބާގައި ބުނެފައި ވެއެވެ.


ހަމަމިއާއެކު ގަައުމުގެ ވަހްދަތާއި ސިޔާދަތު ދެމެހެއްޓުމީ އެންމެންގެ މަސްއޫލިއްޔަތެއްކަން ހަނދާންކޮށްދީ، ކަންކަން ދެމެހެއްޓޭނީ އަހަރެމެންގެ ތެރޭގައި މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫހެއް ހުރެގެންކަން ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މުޖުތަމައުގެ ކޮންމެ ފަރުދަކު ވެސް ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

އެކަން އަބަދުހަރުއަޑުންދީނޭގޮވަމުން ތަކުރާރުކޮށްކުރަނީ ސިޔާސީޕާޓީތަކުގެއިސްކޮށްތިއްބަވާވެރިން

3 weeks ago